މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލު ނެރެފި އެވެ.
މިކަން ހާމަކޮށް މެޓް އޮފީހުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މޫސުން ގޯސްވުމުގެ ސަބަބުން ހުދު ސަމާލު ނެރެފައިވާކަމަށެވެ. މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިމިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރުފަހު 13:00 އާއި ހަމައަށެވެ.
މި ވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އެ ވަގުތުތަކުގައި ކަނޑުތައް ވެސް ގަދަވާނޭކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.









