ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގަައި ބައިވެރިވުމަށް ހުޅުވާލައިފި

އާނާ ފަހީމް | 83 ދުވަސް ކުރިން - 29 ޖުލައި 2025 17:59
ދިރާގު ރޯޑް ރޭސް 2024 ތެރެއިން/ ފޮޓޯ: ދިރާގު
ދިރާގު ރޯޑް ރޭސް 2024 ތެރެއިން/ ފޮޓޯ: ދިރާގު
ޚުލާސާ

އެންމެ މަޝްހޫރު ދުވުމުގެ އިވެންޓް، ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން އޮކްޓޯބަރު 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަނީ، ބައިވެރިވުމަށް ހުޅުވާލައިފި.

ދިރާގު މޯލްޑިވްސް ރޯޑްރޭސް (ޑީއެމްއާރްއާރް) 2025 ގައި ބައިވެރިވުމަށްޓަކައި ރަޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފިކަމަށް، ދިރާގުން މިއަދު ބުނެފި އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓް، ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން ބާއްވާއިރު، މިފަހަރު ވެސް ވަރަށް ގިނަ ބަދަލުތަކާއި އާ ކަންތައްތަކެއް ހިމެނޭނެ އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދުވުމުގެ ތަފާތު ކެޓެގަރީތަކަށް ރަޖިސްޓްރޭޝަން ހުޅުވައިލާފައިވާކަން އިއުލާންކޮށްފަ އެވެ. މިގޮތުން ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ކެޓެގަރީތަކުގެ އިތުރުން 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓެގަރީވެސް ހިމެނެ އެވެ. ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް www.dmrr.mv މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެ އެވެ.

ޑީއެމްއާރްއާރް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމްތައް ލިބިގެންދާ ރޭހެކެވެ. މި ގޮތުން މި އަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފަ އެވެ.

މި އިވެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް މި އަހަރު މުޅިން އައު ރޫޓެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. "މި ރޫޓަކީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަޓިފައިކޮށްފައިވާ ރޫޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ދުވުމުގައި ވެސް ކޯޕަރޭޓް ޓީމް ކެޓަގަރީގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވުން. އަދި، އަޅުގަނޑުމެންގެ އަމާޒަކީ ޑީއެމްއާރްއާރް މެދުވެރިކޮށް ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން." މިރްޝާން ހަސަން ވިދާޅުވި އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.

އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފަ އެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%