ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް އަމިއްލައަށް ދުއްވޭ ޓެކްސީ އެ ގައުމުގެ ވެރިރަށް ރިޔާދުގައި ތައާރަފް ކޮށްފިއެވެ. މިކަން ވަނީ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، ސައުދީ އަރަބިއްޔާގެ "ވިޝަން 2030" އެޖެންޑާގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގަބޫލުކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގެ "މައިލްސްޓޯން" އެއްގެ ގޮތުގައި ފާހަގަކުރެވިފަ އެވެ.
މި އާ އުޅަނދު ތައާރަފްކުރުމުގެ ކުރިން 12 މަސް ދުވަހުގެ ޓްރައިއަލްއެއް ކުރިއަށް ގެންދެވޭނެކަމަށް ވެއެވެ. މި ޓްރައިއަލްގައި ރިޔާދުގެ ހަތް ސަރަހައްދެއްގައި އެ ޓެކްސީ ތައާރަފް ކުރެވޭނެއެވެ. ތައާރަފް ކުރާ ތަންތަނުގެ ތެރޭގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް (ޓާމިނަލް 2 އަދި 5)، ޕްރިންސެސް ނޫރާ ބިންތު އަބްދުއްރަހްމާން ޔުނިވާސިޓީ، ރޮޝްން ބިޒްނަސް ފްރަންޓް އަދި މުހިންމު ހައިވޭތައް ހިމެނެއެވެ. އަދި މި ކާރަށް ސަޕޯޓެއްގެ ގޮތުގައި ޖުމްލަ 13 ޕިކްއަޕް އަދި ޑްރޮޕް އޮފް ސްޓޭޝަން ވަނީ ގާއިމްކޮށްފަ އެވެ.
މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސާވިސަސް އަދި ޕަބްލިކް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޞާލިހް އަލް ޖާސިރުއެވެ. މި އުޅަނދު ހިންގަނީ ޖެނެރަލް ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށުންނެވެ. މިހާރު މި އުޅަނދު ދުއްވަނީ "ލައިވް އާބަން ކޮންޑިޝަން" ތަކުގައެވެ. މިއިން ކޮންމެ ޓެކްސީއެއްގައި ވެސް ސިސްޓަމްގެ ޕާފޯމަންސް މޮނިޓަރކުރެއެވެ. ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އުޅަނދުގައި ސޭފްޓީ އޮފިސަރެއް ވެސް ބޯޓުގައި ބެހެއްޓިފައިވެ އެވެ.
މި އިސްނެގުމަކީ ސައުދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ (އެސްޑީއޭއައިއޭ) އިން ގައުމީ އަދި ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންގެ ކޯލިޝަނަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.