އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މިރޭ ނިޔާވެއްޖެ އެވެ.
ޠައިބާ ޙައްޖު ޢުމްރާގެ އެހީގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސް އުޅެނިކޮށް މިރޭ ނިޔާވީ ތ. ވަންދޫ އިސްމާޢީލް އަޙްމަދު (70އ) އެވެ.
ޠައިބާ ޙައްޖު ޢުމްރާ ހިންގެވުމާއި ޙަވާލުވެ ހުންނެވި ޝާމީ ރަޝާދު ދެންމެ މައްކާގައި ހުންނަވައިގެން ޚުލާޞާ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްމާޢީލް އަޙްމަދު ނިޔާވީ ޢުމްރާގެ އަޅުކަން ފުރިހަމަކޮށް ނިމުނު ފަހުން ޙާލު ދެރަވެގެންނެވެ.
“އަޅުގަނޑުމެންނަކަށް މީގެ ކުރިން އިސްމާޢީލް އަހްމަދުގެ ޞިއްޙީ މައްސަލަ އެއް ފާހަގަ އެއް ނުކުރެވޭ. އިސްމާޢީލް އައީ އަނބިކަނބަލުންނާއި ވެސް އެކީގައި. އަޅުކަން (ޢުމްރާ) ފުރިހަމަ ކުރެއްވުމަށް ފަހު ބުރާސްފަތި ވިލޭރޭ ފަތިސް ނަމާދު ވެސް ކުރެއްވީ މިސްކިތަށް ވަޑައިގެން. ނަމަވެސް ހުކުރުވިލޭރޭ ފަތިސް ގަޑީގައި (އިސްމާޢީލް އަޙްމަދު) ބަލިވެ އުޅޭ ކަމަށް ބުނީމަ އަޅުގަނޑުމެން ވަގުތުން ޑޮކްޓަރު އަސްމާ ގޮވައިގެން ގޮސް ބެލިބެލިމުން އެނގުނީ އިސްމާޢީލްގެ ލޭގެ ޕްރެޝަރު ދަށް ވެފައި ވާކަމަށް. އެހާހިސާބުން ޑރ. އަސްމާ ގެންދެވީ ވަރަށް ގާތުން މޮނިޓަ ކުރަމުން. ނިޔާވީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިރޭ މައްކާގެ ގަޑިން 9 ޖެހިއިރު”
ޝާމީ ވިދާޅުވީ މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ޠޮއިބާ ޙައްޖު ޢުމްރާގެ ފަރާތުން މައްކާގައި ކުރިޔަށް ގެންދިޔުމަށް ޢާއިލާގެ ފަރާތުން އިޢުތިރާޟެއް ނެތް ކަމަށެވެ.
ޝާމީ ވިދާޅުވީ އިސްމާއީލް އަޙްމަދުގެ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު މާތް ވެގެންވާ މަސްޖިދުލް ޙަރަމްގައެވެ.