ހަށިވިއްކާކަމުގެ ތުހުމަތުގައި އައްޑޫ މީދޫން ދެމީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ އައްޑޫ މީދޫގައި ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ''ގެ ނަމުގައި ހިންގަމުން ދާ ތަނެއްގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ, އާބާދީމަންޒިލް، ނަވާލް ހުސައިން, 25 އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް, 36 އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.