އިންޑޮނޭޝިއާގެ ފެރީއެއް ކަމަށްވާ ކޭއެމް ބާސެލޯނާ ވީ-އޭގައި އަލިފާން ރޯވި ހާދިސާގައި ކަނޑަށް ފުންމައިލި ގިނަ އަދަދެއްގެ ފަސެންޖަރުން ސަލާމަތްކޮށްފި ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ރަސްމީ މަސްދަރުތަކުން ބުނެފިއެވެ.
އިންޑޮނޭޝިއާ ސަރުކާރުގެ ރަސްމީ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، 230 އަށް ވުރެ ގިނަ ފަސެންޖަރުން ލައިފް ޖެކެޓް ވެސް ނާޅައި ކަނޑަށް ފުންމާލާފައިވާއިރު، ދެމީހުން ފިޔަވައި އެންމެން މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ. އެއީ ޖުމްލަ 575 މީހުންނެވެ.
އިންޑޮނޭޝިއާގެ މެލޮންގުއާނުން މަނާޑޯއަށް ދަތުރުކުރަމުން ދަނިކޮށް، މިދިޔަ އާދީއްތަ ދުވަހު އެ ފެރީގައި އަލިފާން ރޯވީ ތަލިސޭ ކައިރިންނެވެ.
އެ ވަގުތު އެސަރަހައްދުގައި މަހަށް ނުކުމެ އުޅުނު ކުދި އުޅަނދުތަކުން ވަނީ ކަނޑަށް ފުންމައިލި ގިނަ ބަޔަކު އެ އުޅަނދުތަކަށް ނަގާފައެވެ. މީގެއިތުރުން އިންޑޮނޭޝިއާގެ ކޯސްޓުގާޑުން ވަގުތުން އެ ސަރަޙައްދަށް ގޮސްފައިވާއިރު، ގެއްލިފައިވާ ދެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.