މި ފަހަރުގެ ބެލޮންޑިއޯ ގެންދާނީ ކާކު؟

އައިޝަތު އީމާން | 1 ދުވަސް ކުރިން - 16 ޖުލައި 2025 14:20
ބެލޮންޑިއޯ ޓްރޮފީ - އެންމެ ފަހުން މި ޝަރަފު ހޯދާފައިވަނީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ
ބެލޮންޑިއޯ ޓްރޮފީ - އެންމެ ފަހުން މި ޝަރަފު ހޯދާފައިވަނީ މެންޗެސްޓަރ ސިޓީގެ ރޮޑްރީ
ޚުލާސާ

މި ޝަރަފުވެރި ހަފްލާ އޮންނާނީ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު. މި އެވޯޑަށް ނޮމިނޭޓުވި ކުޅުންތެރިން އިނގޭނީ އަންނަ މަހު ކުރީކޮޅު.

ސެޕްޓެމްބަރު 22 ވަނަ ދުވަހު ބާއްވާ 2025 ވަނަ އަހަރުގެ ބެލޮންޑިއޯ ހަފްލާއަށް ފުޓްބޯޅަ ދުނިޔެ ގުނަމުންދާއިރު، ސަޕޯޓަރުންނާއި ޕަންޑިޓުންނާއި ކުޅުންތެރިން ވެސް މިވަގުތު އުފައްދަމުން ގެންދަނީ އެންމެ ސުވާލެކެވެ. މިއަހަރު އެ ޝަރަފުގެ ތަށި އުފުލާނީ ކާކު ހެއްޔެވެ؟

ވޯލްޑް ކަޕް ނުވަތަ ޔޫރޯ ފަދަ ބޮޑު ބިޔަ ބައިނަލްއަގްވާމީ މުބާރާތެއް ނިމިދިޔަ ސީޒަނުގައި ނެތުމުން މިއަހަރުގެ ބެލޮންޑިއޯ ގެންދާނީ ކޮން ކުޅުންތެރިއެއް ކަން ޔަގީންކަމާއެކު ބުނަން ދައްޗެވެ. އެންމެ ސަޕޯޓަރުން ގިނަ މެސީ ނުވަތަ ރޮނާލްޑޯ އަށް މި ޝަރަފު މިފަހަރު ކާމިޔާބު ވާން ނެތަސް، ފުޓްބޯޅަ އާއިލާތަކުގެ މެދުގައި މި ބަހުސް ވަރަށް ފޯރިގަދަކަމާއެކު ދަނީ ކުރިޔަށެވެ. އެއްބަޔަކު ގަބޫލުކުރަނީ ސްޕެއިން އަދި ބާސެލޯނާގެ ޒުވާން ފޯވާޑް ލުމިން ޔަމާލެވެ. އަނެއް ބަޔަކު ބުނަމުންދަނީ ފްރާންސް އަދި ޕީއެސްޖީގެ ފޯވާޑް އުސްމާން ޑެމެބެލޭ އެވެ. އަނެއް ބަޔަކަށް އެންމެ ކަމުދަނީ ހަމަ އެކުލަބުގެ މެދުތެރެއަށް ކުޅެމުންދާ ޕޯޗުގަލްގެ ވިޓީނިއާއެވެ. އަދި މިހާރު އެންމެ އަޑު ގަދަވެފައިވާ އެއް ނަމަކީ އިނގިރޭސީވިލާތަށް އުފަން ޗެލްސީގެ ފޯވާޑު ކޯލް ޕާމާއެވެ.

މި ސުވާލު މާކުގެ ތެރެއަށް ފީނައިގެން ޖަވާބު ހޯދާކަށް މާ ގިނަ ދުވަހެއް ނެތެވެ. ޔަގީންވާ އެއްކަމަކީ ބެލޯންޑިއޯ ގެ ޝަރަފު އިއުލާން ކުރާ ރޭގައި އެއްބަޔަކު އެކަމާ ނުރުހި ފާޑުކިޔާނެ ކަމެވެ. ސަބަބަކީ ދުނިޔެއަކީ އިންސާނުން ގޮތް ނިންމައިގެން މާކްސް ދޭ ތަނަކަށް ވުމެވެ.

މިދިޔަ އަހަރު މި އެވޯޑް ހާސިލްކުރީ ސްޕެއިން އަދި މެންޗެސްޓަރ ސިޓީގެ މެދުތެރެއަށް ކުޅޭ ރޮޑްރީ އެވެ. ގިނަ ބަޔަކު އެންމެ ފަހު ރެޔާއި ހަމަޔަށް ވެސް އުއްމީދު ކޮށްގެން ތިބީ ވިނީޝިއަސް އަށް މި އެވޯޑް ލިބޭނެކަމަށެވެ. ނަމަވެސް ނުލިބޭނެ ކަން ޔަގީންވުމުން މެޑްރިޑުން ވަނީ އެ ހަފްލާ ބޮއިކޮޓް ކޮށްފައެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އެއީ ވިނީޝިއަސް ގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެން ދިޔަ ސީޒަނެވެ. އަދި އެ ސީޒަނަކީ ރިއަލް މެޑްރިޑުން އެ ކުލަބުގެ 15 ވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސީޒަނެވެ. ރޮޑްރީ ކުޅޭ މެންޗެސްޓަރ ސިޓީ ކުއާޓަރ ފައިނަލުގައި ކަޓުވާލީ ވެސް މެޑްރިޑުންނެވެ. މީގެ އިތުރުން މެޑްރިޑުން ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުވެސް ކާމިޔާބުކޮށްފައެވެ. ވިނީޝިއަސް ގެ އެންމެ ވިދުންތެރި 2023-2024 ސީޒަނުގައި އޭނާ އަށް ކާމިޔަބުކުރެވިފައިވަނީ ޖުމްލަ 24 ގޯލާއި 11 އެސިސްޓެވެ. ރޮޑްރީއަށް ބަލާއިރު އޭނާ ކުޅޭ މެންޗެސްޓަރ ސިޓީއިން ވެސް އެ ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްފައިވެއެވެ. އެއީ ޕްރިމިއަރ ލީގާއި ސުޕަރ ކަޕުގެ އިތުރުން ކުލަބް ވޯލްޑް ކަޕެވެ.

މި އެވޯޑާ މެދު ހިޔާލުތަފާތުވާ މި ނޫނަސް ވަރަށް ގިނަ ފަހަރު މީގެ ކުރިންވެސް ހިނގައްޖެއެވެ. ނަމަވެސް އެއީ މާޒީއެވެ. ދީފަ އޮތް އެއްޗެއް އަތެއް ނުލެވޭނެއެވެ. "ފްރާންސް ފުޓްބޯލް" އިން ދޭ ޝަރަފުވެރި މި އެވޯޑް ދޭން ބާކީ ދެ މަހަށް ވެފައިވާއިރު، އެވޯޑަށް ޝޯޓްލިސްޓް ކުރެވޭ ކުޅުންތެރިންގެ ނަން އާންމުކުރާނީ އަންނަ މަހު ކުރީކޮޅުއެވެ. ބެލެވޭ ގޮތުގައި އޮގަސްޓް ހަތް ވަނަ ދުވަހުއެވެ. ޚުލާސާ އިން ކުރި ދިރާސާތަކަށް ފަހު މި އެވޯޑަށް ޝޯޓްލިސްޓް ކުރެވޭ ގަދަ 10 ކުޅުންތެރިން ތިރީގައި އެވަނީ އެވެ.

  1. އުސްމާން ޑެމްބެލޭ – (ޕީއެސްޖީ/ފްރާންސް)
  2. ލުމިން ޔަމާލް – (ބާސެލޯނާ/ސްޕެއިން)
  3. ވިޓީނިއާ (ޕީއެސްޖީ/ޕޯޗުގަލް)
  4. ރަފީނިއާ (ބާސެލޯނާ/ބްރެޒިލް)
  5. މުހައްމަދު ސަލާހް (ލިވަޕޫލް/އިޖިޕްޓް)
  6. ކިލިއަން އެމްބާޕޭ (ރިއަލް މެޑްރިޑް/ފްރާންސް)
  7. ޑިސަޔަރ ޑޯރ (ޕީއެސްޖީ/ފްރާންސް)
  8. އަޝްރަފް ހަކީމީ (ޕީއެސްޖީ/މޮރޮކޯ)
  9. ކަވާރާސެއިހްރިއާ (ޕީއެސްޖީ/ޖިއޯޖިއާ)
  10. ނުނޯ މެންޑެސް (ޕީއެސްޖީ/ޕޯޗުގަލް)

ގަދަ 10 އެއްގައި ޗެލްސީގެ ފޯވާޑް ކޯލް ޕާމާ ނުހިމެނުނު ކަމުގައި ވިޔަސް ކުލަބް ވޯލްޑް ކަޕުގެ ފައިނަލުގައި ޕީއެސްޖީގެ ކޮޅަށް ދެ ގޯލު ޖަހައި އެސިސްޓެއް އޭނާ ވަނީ ކޮށްދީފައެވެ. އެހެންކަމުން މިއީ އޭނާގެ ހިއްސާ ބޮޑު ތައްޓެކެވެ.

ބެލޮންޑިއޯގެ ވޯޓުލުން ކުރިއަށް ގެންދާނީ ފީފާގައި ރޭންކު ކުރެވިފައިވާ ގައުމުތަކުގެ ޖާނަލިސްޓުންގެ މެދުގައެވެ. މި ހަފްލާގައި ދުނިޔޭގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާއާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކޮޕާ ޓްރޮފީ)، އެންމެ މޮޅު ގޯލް ކީޕަރުގެ (ޔަޝިން ޓްރޮފީ)ގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ (ގާޑް މުލަރ) ޓްރޮފީއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%