ސްޕެއިންގެ ބާސެލޯނާ ކައިރީގައި އޮންނަ ޕިއޭރާގައި ބިނާ ކޮށްފައި ހުރި މިސްކިތެއް، ހުޅުވަން އެއްދުވަހަށް ވެފައި ވަނިކޮށް، އަންދާލައިފި އެވެ. މިސްކިތް ބޭނުން ނުކުރެވޭ ވަރަށް އަންދައިލި އިރުވެސް މިހާތަނަށް އެމައްސަލައިގެ ތަހުޤީޤަށް ވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށާއި، ޙަމަލާ އަށް ތިންދުވަސް ވީ އިރުވެސް ތަޙްޤީޤާއި ބެހޭ މާބޮޑު މަޢުލޫމާތެއް ވެސް ހިއްސާ ނުކުރާތީވެ، ސްޕެއިނުގެ އިސްލާމީ ޖަމިއްޔާތަކުގެ ފެޑެރޭޝަން (ފީރީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސްޕޭނުގެ ތަހުގީގީ އިދާރާތަކުން މި މައްސަލައިގައި އަދި މާ ބޮޑު ސަމާލުކަމެއްވެސް ނުދެ އެވެ.
މުސްލިމުންނާއި މެދު އަބަދުވެސް ތަފާތުކުރުން ގެންގުޅޭ ސްޕޭނުގެ މިސްކިތުގައި އަލިފާން ރޯކޮށްލާފައި ވަނީ ހޮނިހިރު ދުވަހުގެރޭ 3:00 ހާއިރެވެ.
ސްޕެއިންގެ މުސްލިމް ޖަމިއްޔާނތަކުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މި ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތާއި މެދު ސުވާލުވެސް އުފައްދާފަ އެވެ. އެފަރާތްތަކުން މި ހަމަލާ ސިފަކޮށްފައި ވަނީ ނަފުރަތުގެ ހަމަލާއެއްގެ ގޮތުގަ އެވެ.
ސްޕެއިންގެ އިސްލާމީ ޖަމިއްޔާތަކުގެ ފެޑެރޭޝަނުން ވަނީ ޔޫރަޕުގައި އިސްލާމް ދީނަށް ނަފުރަތުކުރުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، މިއީ ކުރިޔަށް އޮތް ނުރައްކަލެއްގެ ރަނގަބީލެއް ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ އިންޒާރުވެސް ދީފަ އެވެ.
ސްޕެއިންގައި މުސްލިމުންނާއި މެދު އޮތީ އަނދިރި ތާރީޚެކެވެ. 1492 ވަނަ އަހަރު ސްޕެއިނުން ވަނީ އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް އިސްލާމް ދީން ދޫކޮށްލުމަށް މަޖުބޫރުކޮށް ގަދަކަމުން ރާ ވެސް ބޯން ދީފަ އެވެ. ރާ ބުއިމަށް ދެކޮޅުހެދި މީހުން ދިރިތިއްބައި ސަންދޯކަށް އަޅައި މަރުވަންދެން ވެސް ބޭތިއްބީ އެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ހިނގާފައި ހުރި ކަންކަމެވެ.