މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު ފައިސާގެ އަދަދު، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ދެ ގުނަ އިތުރުވެއްޖެ އެވެ.
މީރާގެ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުގައި، އެ މަހު އެ އިދާރާއަށް މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 145 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ޖުމްލަ 61.5 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 21 ޕަސެންޓް އިތުރު އަދަދެކެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހަކު އަދާކުރަން ޖެހޭ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކިދާނެ އެވެ.
މި ވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަކީ 9264.15ރ. އެވެ.