"ތިޔަބޭފުޅުން މަގު މެދުން ހިންގަވާށެވެ. އަޅުގަނޑުމެން ސައިކަލު ހިފައިގެން ދުވާރު މައްޗަށް އަރާނަމެވެ."

މުހައްމަދު ޖަމްޝަތު | 5 ދުވަސް ކުރިން - 23 ޖުލައި 2025 10:07
މާލޭގެ މަގެއްމަތިން މީހަކު ހިނގާފައި ދަނީ. ހިނގާ މީހުންނަށް ހާއްސަ ދުވާރު ހުންނައިރުވެސް މަގުމެދުން ހިނގާބިނގާވެ އުޅުންވަނީ އާދައަކަށްވެފައި----
މާލޭގެ މަގެއްމަތިން މީހަކު ހިނގާފައި ދަނީ. ހިނގާ މީހުންނަށް ހާއްސަ ދުވާރު ހުންނައިރުވެސް މަގުމެދުން ހިނގާބިނގާވެ އުޅުންވަނީ އާދައަކަށްވެފައި----
ޚުލާސާ

މިއީ ހައްލެއްނުލިބި ދިގުދެމިފައިވާ އާންމު މައްސަލައެއް. ހެދިފައި ހުންނަ ގަވާއިދުތައް ތަންފީޒުކޮށް މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މުއައްސަސާތަކުގެ ދައުރުވެސް މިހާރަށްވުރެ ހަރުދަނާވާން އެބަޖެހޭ.

މި ލިޔުމުގެ ސުރުހީގައި އެވަނީ ދުވަސްކޮޅެއް ކުރިން ސޯޝަލްމީޑިއާގައި މީހަކު ޖަހާފައިވަނިކޮށް ފެނުނު އިބާރާތްކޮޅެކެވެ. ފަހަރެއްގައިވެސް އެފަދައިން އަމަލުކުރުމަށް ހިތްވަރުދެނީކީއެއް ނޫނެވެ. ނަމަވެސް މި އިބާރާތްކޮޅުން އެކަނިވެސް މާލޭގެ މަގުތައް ބޭނުންކުރާ އެންމެނަށް އެމަގުތަކުގައި ހުރި ކަންބޮޑުވުންތައް އިހުސާސުކުރެވޭނެ އެވެ.

މާލޭގެ މަގުތަކަކީ އަބަދުވެސް މަޝްހޫރު ވާހަކައެކެވެ. ހައްލެއްނުލިބި ދިގުދެމިފައިވާ އާންމު މައްސަލައެކެވެ. ހިނގަން މިޖެހެނީވެސް މަގުމެދުންނެވެ. ޖޮގިން ކުރަންވެސް ބޭނުންކުރަނީ މަގެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، މާލޭގެ ހަނި ދުވާރުތައް ހިނގާ މީހުންނަށް އެކަށީގެންނުވުމެވެ. ނަތީޖާއަކީ ހިޔާލެއް ފިކުރެއްނެތި މަގުގެ މެދުން ހިނގާ ބިނގާވެ އުޅެން ފެށުމެވެ. މަގުމަތީގެ ގަވާއިދުތަކަށް އިހުތިރާމު ކުރުމެއްނޯވެ އެވެ. ޖެހިގެން ކަފިހިހުރަސް ހުންނައިރުވެސް އަޅާލުމެއް ކަހާލުމެެއްނެތި މަގުހުރަސްކޮށްލަނީ އެވެ. ދުއްވާމީހުންވެސް އެހާ ފަރުވާ ކުޑައެވެ. ސްޕީޑް ލިމިޓަށްވެސް ބެލުމެއް ނޯވެ އެވެ. މިއީ އަވަސް ހައްލެއް ބޭނުންވާ ގައުމީ މައްސަލަ އެކެވެ.

މައްސަލައިގެ އަސްލު

މާލޭގެ މަގުތަކަކީ ރަނގަޅު ޕްލޭނެއް ނެތި ހެދިފައިވާ ތަންތަން ކަމާމެދު ގިނަބަޔަކު އެއްބަސްވާނެ އެވެ. ކިރިޔާ ތިން ފޫޓުވެސް ހަމަނުވާ ހަނި ދުވާރުތައް އިމާރާތްކުރާ ތަކެއްޗާއި ވިޔަފާރިތަކުގެ މުދަލުން ފުރިބާރުވެފައި ހުރުމަކީ އާއްމުވެފައިވާ ކަމެކެވެ. މީގެ ސަބަބުން ހިނގާ މީހުންނަށް މަގުގެ މެދުން ނުވަތަ އުޅަނދުތަކަށް ހާއްސަ ބައިން ހިނގުން ފިޔަވައި އެހެން ގޮތެއް ނުލިބެއެވެ.

މިކަން މަޖުބޫރުކަމެއްގެ ގޮތުގައި ފެށުނު ނަމަވެސް، މިހާރު މިއީ ބައެއް މީހުންގެ އާދައެވެ. ރަނގަޅަށް ހިނގެން ހުންނަ ޕޭމަންޓުވެސް ބޭނުންނުކޮށް މަގުގެ މެދުން ހިނގާ މީހުން ގިނައެވެ. ދުއްވާ ތަކެއްޗަށްވާނެ އުނދަގުލަކަށް ނުބަލައި، ނުވަތަ ކުރިމަތިވެދާނެ ނުރައްކަލަކަށް ނުބަލައި، ދަރިފުޅު އަތުގައި ހިފައިގެން ސްކޫލަށްވެސް އެދަނީ މަގު މެދުންނެވެ. ފުޅާ މަގުތަކުގައި ހުންނަ ދުވާރުތައްވެސް ބޭނުންކުރަނީ މަދު މީހެކެވެ. ކަފިހިހުރަހަކީ ބައެއްމީހުންނަށް ސަމާސާއެކެވެ. ޖެހުނު ތަނަކުން ހުރަސްކުރަނީ އެވެ. މަގު ހުރަސްކުރަން އެއްވެސް ވަރަކަށް ދެފަރާތް ބެލުމެއްނެތި ސިރާތު މަގަށް އެރޭފަދައިން ހުރަސްކުރާ މީހުންވެސް މަދެއް ނޫނެވެ.

ދެން އޮތީ ދުއްވާ މީހުންގެ ވާހަކައެވެ. ލައިސަންސް ނެގުމަކީ އެއްބަޔަކު ދަންނަ ކަމެއްނޫނެވެ. ލައިސަންސް ނެގިޔަސް ގަވާއިދަށް އަމަލުކުރަން އެއްބައިމީހުން ކަންބޮޑު ވެއެވެ. މީ ކާރާއި ސައިކަލު އަދި އެހެން އުޅަނދު ދުއްވާ މީހުންގެވެސް ވާހަކައެވެ.

އާދައަކަށްވެފައިވާ ނުރައްކަލެއް

ނުރައްކާތެރި އެކްސިޑެންޓުތައް އިންތިހާއަށް ގިނަވެ އެތައް ފުރާނައެއް ގެއްލެމުންދާއިރު މަގުތައް ހިތުހުރިގޮތަކަށް ބޭނުންކުރަމުން ތިދަނީ ފުރާނައިގެ މުހިއްމުކަން ކުޑަވެސް ނޭނގޭތީ ތޯއެވެ. ނޫނޫ ބޯހަރުކަމުން ގޮތްދޫކުރަން ބޭނުންނުވާތީ ތޯ އެވެ. މިކަމުގައި އޮތް އެންމެ ބޮޑު ހައްލަކީ ފަރުދީ ޒިންމާކަމަށް ވާއިރު އެ ޒިންމާ ނަގާ މީހުން މިއަދު މަދެވެ. ކަސްރަތުކުރުމަށް ދުވަން ނުކުމެ އުޅޭ ފަރާތްތަކަށްވެސް ދުވަން ހަދާފައި ހުންނަ ތަންތަނާ ގަޔާވާހެނެއްް ހިއެއް ނުވެ އެވެ. ދުއްވާ ވެހިކަލްތަކާއެކު މަގުމެދުން ދުވުމުން އިތުރު ކަސްރަތެއް ލިބެނީ ކަމަށްވެސް ވެދާނެ އެވެ.

މާލޭގެ މި މަގުތައް ކިތަންމެ ފުޅާވިޔަސް އަދި ހަނިވިޔަސް ހިނގާމީހުން ދުއްވާ އެއްޗިއްސަށް ބަލަނީކީއެއް ނޫނެވެ. ދުއްވާ މީހުން ހިނގާ މީހުންނަށް ޖާގައެއް ދެނީއެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ މަގަކީ އެމީހެއްގެ އަމިއްލަ ތަނެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން އުޅަނދު ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ދިމާވާ ދަތިތަކާއި، އެކްސިޑެންޓުތަކުގެ ބިރުވެރިކަން އިތުރުވެ، މަގުތައް މިދަނީ އިތުރަށް ތޮއްޖެހެމުންނެވެ.

ހިޔާލެއް ފިކުރެއްނެތި މަގުތައް މިހެން ބޭނުންކުރަން ފެށުމުން މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް މިދަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓުތަކަކީ މަގުގެ ގަވާއިދުތަކަށް ބޯނުލެބުމުގެ ސަބަބުން ހިނގާ އެކްސިޑެންޓު ތަކެވެ. އެކަމުގައި އުޅަނދުތައް ދުއްވާ މީހުންނާއި، ހިނގާބިނގާވެ އުޅޭ މީހުންވެސް ޝާމިލުވެ އެވެ. އެކްސިޑެންޓުތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މީގެ ތެރޭގައި އެއްވެސް ކުށެއްނެތި ޒަހަމްވާ ފަރާތްތަކާއި އެ ޒަހަމްތަކުގައި މަރުވާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ބޭނުންވަނީ ދާއިމީ އަވަސް ހައްލެއް!

މާލޭގެ މަގުތަކާއި ދުވާރުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅޭ މީހުންނަށް ބޭނުންކުރަން ދަތިވުމަކީ ބޮޑު މައްސަލައެކެވެ. ދުވާރުމައްޗަށް ތަކެތި ނުބެހެއްޓުމަށް ގަވާއިދުތަކުން އަންގާފައިވީ ނަމަވެސް، މިކަން އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭތަނެއް ނުފެނެ އެވެ.

މިކަން ހައްލުކުރުމަށް، މަގުތަކާއި ދުވާރުތައް މަރާމާތުކޮށް ބެލެހެއްޓުން މުހިއްމެވެ. ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުން މުހިންމެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، ހިނގާމީހުންނަށް ދަތިވާގޮތަށް ހުންނަ ދުވާރުތަކަށް ވަގުތުން ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުން ހާއްސަ އިސްކަމެއް ދޭންޖެހެ އެވެ.

މީގެ އިތުރުންވެސް:

  1. ދުވާރުތަކުގައި "ޕެޑެސްޓްރިއަން ބެރިއާ" ތައް ބަހައްޓައި ހިނގާ މީހުން މަގުމެދަށް ނުފައިބާނެހެން ރެއިލިން ފަދަ ތަކެތި ބެހެއްޓުން.
  2. "ޓްރެފިކް އެވެއާނެސް" ޕްރޮގްރާމްތައް އިތުރުކޮށް ސްކޫލް ކުދިންނާއި އާންމުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ދިނުން.
  3. ބޮޑެތި މަގުތަކުގައި "ސްމާޓް ޓްރެފިކް ލައިޓް" ސިސްޓަމެއް ގާއިމްކޮށް ހިނގާ މީހުންގެ އަދަދަށް ބަލައި، ޓްރެފިކް ލައިޓްތަކުގެ ވަގުތު ބަދަލުވާ ނިޒާމެއް ގާއިމްކުރުން.
  4. "މޮބައިލް އެޕް" އެއް ތައާރަފްކޮށް މަގުތަކުގެ ޙާލަތާއި، ޓްރެފިކް މައުލޫމާތު ލިބޭނެ އެޕްލިކޭޝަނެއް ތައްޔާރުކުރުން ފަދަ ކަންތައްތަކީ ކުރިއަށް އޮތްތަނުގައި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ފަރުދީ ޒިންމާ އަދާކުރުން

މި މައްސަލައަކީ ހަމައެކަނި މަގުތަކުގެ ފެންވަރު ރަނގަޅުކޮށްގެން ހައްލުވާނެ މައްސަލައެއް ނޫނެވެ. މި މައްސަލައިގެ ހައްލާއި އިޖުތިމާއީ އަދި ފަރުދީ ޒިންމާވެސް އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ހިނގާ މީހުން ދުވާރުތަކާއި ކަފިހިހުރަސްތައް ބޭނުންކުރަން އާދަ ކުރަން އެބަޖެހެ އެވެ. ޖޮގިންކުރާ މީހުން އެކަމަށް ހާއްސަކޮށް ހަދާފައި ހުންނަ ޓްރެކްތައް ބޭނުންކުރަން މަޖުބޫރުކުރުވަން ޖެހެ އެވެ. މިއީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ހޭލުންތެރިކަމާއި، ޒިންމާދާރުކަމާއި، އަދި މަގުތައް ބޭނުންކުރާ އެންމެހާ ފަރުދުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމު އޮންނަންޖެހޭނެ މައްސަލައެކެވެ. ކޮންމެ މީހަކަށްވެސް ހޭވެރިކަން މިވަނީ ތިމާ ނުވަތަ ތިމާގެ ގާތް މީހަކު އެކްސިޑެންޓުވެ މަރުވުމުން ނުވަތަ އަނިޔާއެއް ލިބުމުންނެވެ.

މަގުތަކުގެ ސަލާމަތާއި، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ސަރުކާރާއި، ރައްޔިތުން އަދި ކަމާބެހޭ އެހެން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމެވެ. އެހެންނޫންނަމަ، މިލިޔުމުގެ ސުރުހީގައިވާ ފަދައިން، ތޮއްޖެހިފައިވާ މަގުތަކުގައި އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދި، އެކްސިޑެންޓުތައް ދާނީ އިތުރުވަމުންނެވެ. މިއީ މާލެއަށް ބޭނުންވާ މަގުތައް ސަލާމަތްތެރި މަގުތަކަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.

މިކަން ހައްލުކުރެވޭނީ ސަރުކާރާއި، ރައްޔިތުންގެ އެއްބާރުލުމާއެކު، ދުވާރުތައްވެސް ރަނގަޅު ފެންވަރަކަށް ހަދައި، ގަވާއިދުތައް ރަނގަޅަށް ތަންފީޒުކޮށް، އަދި މިކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ. މިއަދު އަޅުގަނޑުމެން މިކަމަށް ސަމާލުކަން ނުދީފިނަމަ، މާދަމާ މާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

4 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ނިޔާ

5 ދުވަސް ކުރިން - 10:34

ވަރަށް ފުރިހަމަ އާރޓިކަލްއެއް.