ލ. ކުނަހަންދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްފިނޮޅެއް ކަމަށްވާ ކުރެދިރަހާ (ބޮޑުހުރާ) ވަގުތީ ގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ކުނަހަންދޫ ކައުންސިލުން ހުޅުވާލައިފި އެވެ. މި މަސައްކަތަކީ ރަށުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް، ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކަމެކެވެ.
ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވެ، އެކަމަށް އަންދާސީ ހިސާބު ހުށަހަޅަން އެދިފަ އެވެ.
ރަޖިސްޓްރީވުމަށް ހަމަޖެހިފައިވާ ގޮތަކީ ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް، ކުނަހަންދޫ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރުމެވެ. ނުވަތަ، ސުންގަޑީގެ ކުރިން ކައުންސިލަށް ވަޑައިގެން ރަޖިސްޓަރީ ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ވެސް މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ނުވަތަ ކުނަހަންދޫ ކައުންސިލްގެ 9995970 ނަންބަރަށް ގުޅައި ނުވަތަ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ކައުންސިލުން އިތުރަށް ވިދާޅުވީ، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ރަޖިސްޓަރީނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް ކުނަހަންދޫ ކައުންސިލުން ވަނީ ދައުވަތު އަރުވާފަ އެވެ.