ޖުލައި ނިމުމުގެ ކުރިން އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހުޅުވާނެ: ހަލީމް

އައިޝަތު ރުވާ ރިފްޢަތު | 9 ގަޑިއިރު ކުރިން - 9 ޖުލައި 2025 08:08
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)/ ފޮޓޯ: ޚުލާސާ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)/ ފޮޓޯ: ޚުލާސާ
ޚުލާސާ

އައިޖީއެމްއެޗުން ނުވަތަ އެހެން ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުންވެސް ނަންބަރު ނަގައިގެން ގޮސް އައިޖީއެމްއެޗުގެ އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށް ހަލީމް ވިދާޅުވި.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ތެރޭގައި ގާއިމުކުރަމުންދާ އައިނު ފިހާރަ މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، އަތްފޯރާ ފަށުގައި ރައްޔިތުންނަށް އައިނު ހެދުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކުރަމުންދާ ކަމަށާއި، މިއީ މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ހޮސްޕިޓަލަކުންވެސް ފޯރުކޮށްދީފައިވާ ހިދުމަތެއް ނޫން ކަމަށެވެ. އަދި، ދައުލަތުން މި ހިދުމަތް ފޯރުކޮށްދިނަސް އަމިއްލަ ފަރާތްތަކަށް މި ފިޔާރި ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.

ހަލީމް ވިދާޅުވީ މި ހިދުމަތް ފަށަނީ އެއްވެސް ހާލެއްގައި ޕްރައިވެޓް ސެކްޓާއާ ކޮމްޕީޓްކުރާކަށް ނޫންކަމަށާއި އަދި ވިޔަފާރިއެއް ގޮތަށް ވިޔަފާރިކުރުމަކަށް ނޫންކަމަށެވެ.

"މީގެއިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން އައިނު ހެދުމުގެ މަސައްކަތް، ރައްޔިތުންނަށް އައިނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭއިރު އާސަންދަވެސް ކަވާކުރާއިރު، އާސަންދައިގެ ކަނޑައެޅިފައި އިންނަ އަދަދުގެ ތެރެއިން ރައްޔިތުންނަށް އައިނު ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ" ހަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗަކީ ދައުލަތުގެ އިދާރާއެއް ކަމަށާއި، އެ ހޮސްޕިޓަލްގެ މެންޑޭޓަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ހާލެއްގައި ވިޔަފާރިއެއް ކުރަން ސަރުކާރުން ނޫޅޭކަން ހަލީމް ފާހަގަކުރިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ އައިޖީއެމްއެޗުން ނުވަތަ އެހެން ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުންވެސް ނަންބަރު ނަގައިގެން ގޮސް އައިޖީއެމްއެޗުގެ އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށެވެ. އައިޖީއެމްއެޗުގެ ފިހާރައަށްފަހު ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް އައިނު ފިހާރައެއް ހުޅުވާނެ ކަމަށްވެސް ހަލީމް ވިދާޅުވެފައެވެ.

އެގޮތުން، މިމަހުގެ ތެރޭގައި އައިޖީއެމްއެޗުގެ އައިނު ފިހާރަވެސް ހުޅުވައި ހިދުމަތްވެސް ފޯރުކޮށްދޭން ފަށާނެކަމަށް ހަލީމް ވިދާޅުވިއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%