ފީފާ ކުލަބް ވޯލްޑް ކަޕުގެ ނޮކްއައުޓުގައި ލިއޮނަލް މެސީގެ އިންޓަރ މިއާމީ ލަދުވެތި ގޮތަކަށް ޕީއެސްޖީ އަތުން ބަލިވެއްޖެއެވެ.
އެމެރިކާގެ މަސިޑެސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހުރިހާ ގޯލެއް ޖަހާފައިވަނީ ފުރަތަމަ ހާފުގައި ކަމަށްވާއިރު ދެވަނަ ހާފުގައި ގޯލު ޖެހުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ޕީއެސްޖީގައި ނެތެވެ. ފުރަތަމަ ހާފުގައި އިންޓަރ މިއާމީއަށް ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު މެސީގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ.
ލިއޮނަލް މެސީ - އޭނަގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް
މެޗުގައި ގޯލުތައް ޖަހާފައިވަނީ ޖާއޯ ނެވެސްގެ ދެ ގޯލާއި އަޝްރަފް ހަކީމީގެ ގޯލެއްގެ އިތުރުން އިންޓަރ މިއާމީގެ ޑިފެންޑަރު ތޯމަސް އަވިލެސް ގައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ.
މި ބައްޔާއެކު އިންޓަރ މިއާމީ މިއަހަރުގެ މުބާރާތުން އަލްވަދާއު ކިޔާފައިވާއިރު ޕީއެސްޖީ ކުއާޓަރ ފައިނަލުގައި ނިކުންނާނީ މިރޭ ދަންވަރު ފްލެމެންގޯ އާއި ބަޔާން މިއުނިކް ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 01:00 ގައެވެ.