ކުލަބް ވޯލްޑް ކަޕް: ޗެލްސީން ބެނެފީކާ ރޮއްވާލައިފި

އައިޝަތު އީމާން | 48 ދުވަސް ކުރިން - 29 ޖޫން 2025 08:47
މެޗުގެ އުފާ ޗެލްސީން ފާޅުކުރަނީ. / ފޮޓޯ: ޗެލްސީ
މެޗުގެ އުފާ ޗެލްސީން ފާޅުކުރަނީ. / ފޮޓޯ: ޗެލްސީ
ޚުލާސާ

ޗެލްސީ މޮޅުވެފައިވަނީ 1-4 ގެ ނަތީޖާއިން. ކުއާޓަރ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނީ ބްރެޒިލްގެ ޕަލްމެއިރާސް.

90 މިނެޓު ހަމަވެ ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައި ތިން ގޯލު ޖަހައި ޗެލްސީން، ބެނެފީކާ ބަލިކޮށް ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް ގޯލަށް އަމާޒުކުރިއިރު މެޗުގެ ފުރަތަމަ ގޯލު 64 ވަނަ މިނެޓުގައި ޗެލްސީއަށް ޖަހައިދިނީ ރީސް ޖޭމްސްއެވެ. އޭނާ މި ގޯލު ކާމިޔާބުކޮށްފައިވަނީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

މެޗުގެ ފޯރި ގަދަވެގެންދިޔައީ 90 މިނެޓު ހަމަވެ އިންޖަރީ ވަގުތުގައި ކުޅެމުން ދަނިކޮށް އޭރިޔާ ތެރެއިން މަލޯ ގުސްޓޯގެ އަތުގައި ބޯޅަ ޖެހުމުން ބެނެފީކާއަށް ޕެނަލްޓީއެއް ލިބުމުންނެވެ. ޑި މާރިއާ ވަނީ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލާ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 92 ވަނަ މިނެޓުގައި ބެނެފީކާގެ ޖިއަންލުކާ ޕްރެސްޓިއާނީ އަށް ދެ ރީދޫ ކާޑާއި އެއްކޮށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން އެރީ 70 ވަނަ މިނެޓުގައެވެ.

ޖުމްލަ 10 ރީދޫ ކާޑު ފެނުނު މި މެޗުގައި ޗެލްސީއަށް ލީޑު އަލުން ހޯދައިދިނީ 108 ވަނަ މިނެޓުގައި އެންކޫކޫ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ބެނެފީކާގެ ކީޕަރު އަތުން ރިބައުންސް ވެގެން ނިކުތް ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ.

ބެނެފީކާގެ އުންމީދުތައް ފެނަށް ދިޔައީ މެޗުގެ 115 ވަނަ މިނެޓުގައާއި 117 ވަނަ މިނެޓުގައި ޗެލްސީން ކާމިޔާބުކުރި ގޯލުތަކާއި އެކުގައެވެ. މި ގޯލުތައް ކާމިޔާބުކުރީ ނެޓޯ އަދި ޑިއުސްބަރީ އެވެ.

ކުއާޓަރ ފައިނަލުގައި ޗެލްސީން ނިކުންނާނީ ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ މަހު 5 ގައި ރާއްޖެ ގަޑިން ހެދުނު 06:00 ޖަހާއިރުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%