ޙަލާލް ޓުރިޒަމަށް ވަކި ރަށްތަކެއް ތަރައްޤިކުރުމަށް ސަރުކާރުން އޮތީ އެއްބާރުލުން ދޭށެވެ. ސަބަބުތައް ބައިވަރެވެ.
ޔޫރަޕްގެ ވިންޓަރ ސީޒަންގައި ރާއްޖެއަށް ފަތުރުވެރިން އަންނަނީ އިންތިހާއަށެވެ. ނަމަވެސް އެ ސީޒަން ނިމުމާއެކު ރާއްޖެއަށް ތަކުރާރުކޮށް ކުރިމަތިވާ ގޮންޖެހުމެއް އެބައޮތެވެ. އެއީ ގެސްޓުހައުސްތަކަށް ފަތުރުވެރިން އަންނަލެއް މަދުވެ، ރޫމްތައް ހުސްކޮށް ހުންނަން ޖެހުމެވެ. އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގެސްޓްހައުސްތަކުގެ އިތުރުން ރިސޯޓްތަކަށް ވެސް މިމައްސަލަ ދިމާވެއެވެ. ނަމަވެސް، މިކަމުގައި އުއްމީދީ ހައްލެއް އެބައޮތް ކަމަށާއި ނަތީޖާ ފެންނާނެ ކަމަށް، ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރުމަށްފަހު ހަލާލް ޓޫރިޒަމް ރާއްޖޭގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ އާރް.ޑީ. އިންޓަރނޭޝަނަލް ޓްރެވަލް އެންޑް ޓުއާސްގެ އެމްޑީ މުޙައްމަދު ފައިސަލް ވިދާުވިއެވެ. އެންޖީއޯއަށް ލިބޭ ފައިސާއިން އިވެންޓުތައް ބާއްވައި މިކަން ޕްރޮމޯޓްކުރަން އެކުންފުނިން ބޭނުންވަނީ މިއީ ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ރާއްޖޭގައި ހިންގޭނެ ގޮތެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.
ހަލާލު ޓޫރިޒަމް !
ހަލާލް ޓޫރިޒަމަށް ނިސްބަތްވަނީ އިސްލާމީ އުސޫލުތަކަށް ތަބާވުމެވެ. ބަނގުރާ އެއްގޮތަކަށް ވެސް ނުހިމެނޭނެއެވެ. ކާން ހުންނަނީ ހަމައެކަނި ޙަލާލް ކާނާއެވެ. އޫރުމަހެއް ނުހުންނާނެއެވެ. އަންހެނުންނާއި އާއިލާތަކަށް ޕްރައިވެސީ އޮންނާނެއެވެ. ނަމާދު ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ. ހަލާލް ޓޫރިޒަމަކީ ހަމައެކަނި މުސްލިމުންނަށް އޮތް އެއްޗެއް ނޫނެވެ. އޫރުމަހާއި ރާ ބޭނުންނުކުރާ ވަރަށް ގިނަ ކާފަރުން އުޅެއެވެ. އެހެންކަމުން، މި ބާވަތުގެ ފަތުރުވެރިކަން ދުނިޔޭގައި ވަރަށް ކުރިއަރައިގެން އެބަ ދެއެވެ. މެލޭޝިއާ، ތުރުކީ، އަދި ޔޫއޭއީފަދަ ގައުމުތަކުގައެވެ. އެތަންތަނުގައި އަހަރުން އަހަރަށް އަންނަނީ ޑިމާންޑް އިތުރުވަމުންނެވެ. ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް 2023 އިން ދައްކާ ގޮތުގައި ހަލާލް ޓޫރިޒަމުން (މުސްލިމު ފަތުރުވެރިން) 225 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ނިޔަލަށް 300 ބިލިއަން ޑޮލަރަށް މި އަދަދުއަރާނެ ކަމަށް ލަފާކުރެވެއެވެ.
މިކަން ދެނެގަނެ، ދިވެހީންނަށް މީގެ އަސްލު ފައިދާ ހޯދައިދިނުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެޖެންސީއެއް ކަމަށްވާ އާރްޑީ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއާސްއިން ވަނީ މި މަސައްކަތް ފަށާފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފައިސަލް ވިދާޅުވިއެވެ. ފައިސަލްގެ އަމާޒަކީ ހަމައެކަނި ޔޫރަޕްގެ ޕީކް ސީޒަނެއް ނޫނެވެ. މުޅި އަހަރު ދުވަހު ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމެވެ. މިހާރު ވަނީ މެލޭޝިއާގެ އިންފްލޫއެންސަރެއް ވެސް ރާއްޖެ ގެނެސް ހަލާލު ޓުރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށަފައެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތައް މާކެޓްކޮށްފައެވެ. މީގެކުރިން ޗައިނާގައިވެސް ކެމްޕޭނެއް ފެށިއެވެ. މިހާރުވެސް ޗައިނާއިން ރާއްޖޭގެ ހަލާލް ޓޫރިޒަމް ތަޖުރިބާ ކުރުމަށް ފަތުރުވެރިން ބުކިން ހަދަމުންދާއިރު، އަންނަ މަހު އިންޑޮނޭޝިއާގައި އިތުރު ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
“ބަނގުރާ ނުހިމެނޭނެ. ހަރާމް އެއްވެސް އެއްޗެއް ނުހިމެނޭނެ. ނަމާދުކުރާނެ މުސައްލައެއްވެސް އަދި ގިބުލަވެސް ފާހަގަކޮށްފައި ހުންނާނީ. ރޫމްގައި ޚަތިމް ވެސް އޮންނާނެ. ގާނޫނުން މަނާ ހެދުމެއް ވެސް ނުލެވޭނެ. ބިކިނީ މަނާވާނެ. ރަށްފުށުގެ ދިރިއުޅުމުން ފެށިގެން ވޯޓަރ ސްޕޯޓްސް އަދި ޑައިވިންގ ތަޖުރިބާ ކުރެވޭނެ. އެހެންވީމާ މިއީ ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް ވަރަށް ފައިދާ ބޮޑު ކަމަކަށް ވާނެކަން ޔަގީން. އެއީ ފަތުރުވެރިން ކުރަންޖެހޭ ހަރަދު ކުޑަވެފަ ހިތްހަމަޖެހުން ލިބޭނެތީ. މީގެ ސަބަބުން އޮފް ޕީކް މަސްތަކުގައި އޮކިއުޕެންސީ ރޭޓް ރަނގަޅުވެގެން ދިއުމާއި އެކު މުޅި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ރަނގަޅު އާމްދަނީއެއް ލިބިގެމްދާނެ” ފައިސަލް ވިދާޅުވިއެވެ.
ހަލާލް ޓުރިޒަމަކީ އަދުގެ ސަރުކާރުން ވެސް ވަރަށް ބޮޑަށް ތާއީދުކުރާ ކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ހަލާލް ޓުރިޒަމަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ހަލާލް ޓޫރިޒަމް އިން ރާއްޖެ އަކީ މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި އަލުން މާނަކުރެވިދާނެއެވެ. ހުދު ގޮނޑުދޮށްތައް މުޅި އަހަރު ދުވަހު ފުރިފައި ހުންނަކަން ކަށަވަރުކޮށްދެވޭނެއެވެ. ހަމައެކަނި ޔޫރަޕްގެ ވިންޓަރ ސީޒަނުގައެއް ނޫނެވެ.









