ހުޅުމާލެ 2ގައި އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސްކުރުމަށް އެ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެސްޖޭއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އަވަސްކުރުމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ކުންފުނީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި, އެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަން ޖެހޭ ކަންކަމާ= ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވީ އެންމެ އަވަހަކަށް އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި, ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި, އެސްޖޭއިން މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށެވެ.
ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލާ ޖެހިގެން ހުންނަ ވަގުތީ މިސްކިތުގެ ބިމުގެ ބައެއްގައި އިމާރާތްކުރަމުން އަންނަ އެ މިސްކިތުގައި އެއްފަހަރާ 1,400 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.