ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ބޯޑު އޮފް ގަވަނަރުންގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ޒަމީރު. ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ)ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ކުރިއަށް ގެންދާ މާލީ އެއްބާރުލުމާއި ކުރިމަގުގެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ދިވެހި ސަރުކާރަށް ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ދެމުން ގެންދާ ދެމެހެއްޓެނިވި އެހީތެރިކަމަށްޓަކާ ޒަމީރު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއެކު އޮތް ބިނާކުރަނިވި ޕާޓްނާޝިޕާއި މުހިންމު މާލީ އިންތިޒާމުތައް ފަހިކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރަށް ދިވެހި ސަރުކާރުގެ ނަމުގައި ވެސް ޒަމީރު ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ ރާއްޖޭގައި ކުރިއަށް ގެންދާ މުހިންމު މަޝްރޫއުތަކުގެ ކުރިއެރުމާ މެދު މަޝްވަރާކުރުމަށާއި ރާއްޖެ އާއި އެ ބޭންކާ ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ.
ސީޑީބީގެ ފައިނޭންސިންއަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަންފީޒުކުރުމަށް، ހާއްސަކޮށް ބޯހިޔާވަހިކަން އަދި އިންފްރާސްޓްރަކްޗާ ފަދަ ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މުހިންމު ދާއިރާތަކަށް ލިބޭ އަގުހުރި އެހީތެރިކަމެއްކަން ޒަމީރު ވިދާޅުވި އެވެ.
ޒަމީރާއެކު ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޗައިނާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއީދު މުސްތަފާ، ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު އަދި ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުހާ އިބްރާހީމެވެ.
ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ, އިންޓަނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަން، ސެކަންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ލީ ޔުންޒީ، އިންޓަނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޖިއާން ކެޓާއޯ އަދި އިންޓަނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ސެކަންޑް ކްރެޑިޓް މެނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރު ހޯ މެންގްރުއި އެވެ.