އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންފި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ޒަމީރު ބައިވެރިވެވަޑައިގެން، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން" އެ މައުޟޫއާ ގުޅޭ ގޮތުން ރާއްޖޭގެ ވިސްނުން ހިއްސާކުރައްވާނެ ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ އެ ބޭންކުގެ މެމްބަރު ގައުމުތަކާއި ބައިވެރިންނާއި ވިޔަފާރިވެރިންނާއި ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި މީޑިއާގެ ފަރާތްތަކާއި ބައިނަލްއަގުވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިނިސްޓްރީން ބުނީ މި އަހަރުގެ ބައްދަލުވުމުގެ ތީމަކީ "ތަރައްގީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުން" ކަމަށެވެ. އެއީ އޭއައިއައިބީގެ އިސްތިރާޖީ އަމާޒު ދައްކުވައިދޭ ތީމެއް ކަމަށާއި އެއީ ތަރައްގީއަށް ބޭނުންވާ ގުޅުވައިލުމާއި ކުރިއެރުން ހާސިލުކުރުމުގައި އިންފްރާސްޓްރަކްޗާގެ ދައުރާއި ތަރައްގީގެ ގޮންޖެހުންތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ބައްދަލުވުމަކީ ބޭންކަށް 10 އަހަރު ފުރުން ފާހަގަކުރާ އިވެންޓެކެވެ. އެއީ އެ ބޭންކުގެ މުސްތަގުބަލާ މެދު މަޝްވަރާކޮށް، ބޭންކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިންމު ފުރުސަތެކެވެ. އަދި އެ ބައްދަލުވުމުގައި އޭއައިއައިބީއަށް އާ ރައީސަކު އިންތިހާބުކުރުން ވެސް އޮންނާނެ އެވެ.
އޭ.އައި.އައި.ބީއަކީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. އެއީ މެންބަރު ގައުމުތަކުގެ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް އުފައްދާފައިވާ ބޭންކެކެވެ. ފުރަތަމަ 57 ގައުމުގެ ބައިވެރިވުމާއެކު އެ ބޭންކު އުފެއްދީ އިގުތިސާދީ ތަރައްގީ ކުރިއެރުވުމާއި އިންފްރާސްޓްރަކްޗާ އަދި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމުގެ މަގުސަދުގަ އެވެ.
ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދުނު އޭއައިއައިބީގެ ފައުންޑިން މެންބަރެކެވެ. އޭއައިއައިބީން ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.