ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، މިހާރުގެ ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތް ވަގުތީގޮތުން އަމާން ހިޔާ ހިންގި އިމާރާތަށް ބަދަލުކުރުމަށް ސިއްހީ ވުޒާރާއިން ނިންމައިފިއެވެ. މި މަސައްކަތް ކުރުމަށް ސިއްހީ ވުޒާރާއިން މިހާރުވަނީ މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކޮށްފައެވެ.
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ މި ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށްޓަކައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މިމަހުގެ 4 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ މަޝްރޫޢެކެވެ.
މިކަމާ ގުޅޭގޮތުން، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ވިލިމާލޭގައި ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ވިލިމާލޭގެ އާބާދީގައި މިހާރު 15000އެއްހާ މީހުން ދިރިއުޅެއެވެ. ނަމަވެސް މިހާރު ހުރި ހޮސްޕިޓަލުގައި އަބާދީއަށް ބޭނުންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައިނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި މިހާރު ބޭނުންކުރަނީ 5 އެނދެވެ. އެހެންކަމުން، ޢާންމު ކަންކަމުގައިވެސް ވިލިމާލޭގެ ރައްޔިތުންނަށް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ބޮޑު ކަންބޮޑުވުމެކެވެ. ވިލިމާލޭގައި ޤާއިމްކުރާ އައު ހޮސްޕިޓަލާއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް މި ހޮސްޕިޓަލުގައި ހުންނާނެއެވެ.