ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސިއްޙީ ޚިދުމަތުގެ ތާރީޚުގެ އާ ބާބެއް ފައްޓަވާފައިވާ ކަމަށެވެ. އަދި މުޅި މާލޭގެ ހޮސްޕިޓަލްތައް އެއް ފުރާޅެއްގެ ދަށުން ހިންގަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެ ފަދަ ކުޑަ، ޚާއްޞަކޮށް އާބާދީ އެއްފަސްވެފައިވާ މި އޮތް އޭރިއާގައި މި ނިޒާމް އެއް ނިޒާމަކުން ގުޅި ލާމެހިގެން ނޫނީ އަޅުގަނޑުމެންނަކަށް އެންމެ ރަނގަޅު ޚިދުމަތެއް އަޅުގަނޑުމެންނަކަށް ފޯރުކޮށް ނުދެވޭނެ. އެހެންވީމާ އެއީ މުހިންމު ނިޒާމެއްގެ ގޮތުގައި ދެކެވަޑައިގެން އެ ނިޒާމް ތަޢާރަފް ކުރެއްވިކަން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމަށް 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އައު ހޮސްޕިޓަލުގައި މުހިންމު އެތައް ޚިދުމަތްތަކެއް ފުޅާކުރެވޭނެ ކަމަށާއި، މިހާރު ދެމުންގެންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވިލިމާލެ ހޮސްޕިޓަލަށް މިހާރު 29 އަހަރު ވެފައިވާއިރު، އެންމެ ފުރަތަމަ ހިންގަން ފަށާފައިވަނީ ސިއްޙީ މަރުކަޒެއްގެ ގޮތުގައެވެ. 1999 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 24 ގަޑިއިރު ޚިދުމަތް ދޭން ފެށި އިރު، މިހާރުގެ ޢިމާރާތަށް ބަދަލުވެފައިވަނީ 2002 ވަނަ އަހަރުގެ އޭޕްރީލް 15 ގައެވެ.