ވިލިމާލޭ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭ ފެށޭނެ

އާނާ ފަހީމް | 313 ދުވަސް ކުރިން - 9 ޑިސެންބަރު 2024 10:58
ވިލިމާލޭ ހޮސްޕިޓަލްގެ ޓެންޑަރިންގ މަރުހަލާ ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ
ވިލިމާލޭ ހޮސްޕިޓަލްގެ ޓެންޑަރިންގ މަރުހަލާ ކުރިޔަށް ގެންދިޔުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ
ޚުލާސާ

ވިލިމާލޭގެ 15,000 އާބާދީއަށް ޚިދުމަތްދޭނެ 100 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު މެދުތެރޭ ފެށި، 2 އަހަރުތެރޭ ނިންމުމަށް ސަރުކާރުން ރާވައިފި.

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

މިހާރު 15،000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި ހުރި ހޮސްޕިޓަލަކީ އާބާދީއަށް އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައި ނެތް ތަނެކެވެ. މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ހުރީ އެމަޖެންސީ 5 އެނދާއި ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރު އާންމު ބަލިތަކަށްވެސް އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މިކަމަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތްތައްކަމަށެވެ.

"މިހާރު ކުރަމުންދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތް. އުއްމީދުކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް." ސީއީއޯ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މަޝްވަރާތައް ކުރެވި، މިނިޓްސް އޮފް ދަ މީޓިންގްސްގައި ސޮއިކުރެވިފައިވާކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، ވިލިމާލޭ ހޮސްޕިޓަލުގެ ފީސިބިލިޓީގެ މަސައްކަތް ޗައިނާގެ ސިޑްކާ ކުންފުނިން ވަނީ ކޮށްފައެވެ.

ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި، އަންނަ 6 މަސްދުވަހުގެ ތެރޭގައި ޓެންޑަރިންގ މަރުޙަލާގައި މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ޗައިނާއިން ކުރިއަށްގެންދާނެއެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%