ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި މި މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުޤުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި އެ މުވައްޒަފުންނަށް ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި ފުލުހުންނަކީ ދުޅަހެޔޮ ބަޔަކަށްވުމަށް ބާރު އެޅުމާއި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ފޯރިއާއި ޖޯޝު ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާގެ އެކި ބަހާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޜަނަކަށް ބަހާލައިގެން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފިރިހެން ޑިވިޜަންގެ 32 ޓީމާއި އަންހެން ޑިވިޜަންގެ އަށް ޓީމާއެކު ޖުމްލަ 40 ޓީމަކުން މި މުބާރާތުގައި ވާދަކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފިރިހެން ޑިވިޜަނުގައި ރޭ ކުޅުނު މެޗެއް. / ފޮޓޯ: ފުލުހުން
މުބާރާތުގައި ރޭ ވަނީ ޖުމްލަ އަށް މެޗު ކުޅެފައެވެ. އެގޮތުން ފިރިހެން ޑިވިޜަންގައި 5 މެޗެއް ކުޅެފައިވާއިރު އަންހެން ޑިވިޜަންގެ 3 މެޗެއް ކުޅެފައިވެއެވެ.
ރޭ ފިރިހެން ޑިވިޜަންގައިކުޅުނު މެޗުތަކުގެ ނަތީޖާތައް:
- ކުލަބު އީއެމްއެސް 1- 0 އެޗްއެމްޕީ ލެޖެންޑްސް
- ޑީއީ 3-1 ޓީއާރުސީ
- މެރިނަރސް ކުލަބް 5- 0 ސީއައިސީ ސީއޯ
- ކުލަބް އީސީއައި 1-0 ވިލިމާލެ
- އެޗްޕީއާރުސީ 0-0 އެސްއޯއާރުސީ ޖޫނިއަރ
އަންހެން ޑިވިޜަންގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:
- އެމްއެފްޕީ 2-5 އެސްއޯރާއުސީ ހާޓްބީޓް
- ޕީއެސް ކުއީންސް 0-3 އެޗްއެމްޕީ ގަރލްސް
- އައިޑީ ކުލަބު 2-2 ސީއައިސީ އައިޔޫ
ސީޕީ ކަޕް ފުޓްސަލް މުބާރާތުގައި މިރޭވެސް 8 މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.









