މިސަރުކާރުގެ ސިޔާސަތެއްގެ ގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމަށް ނިންމައިފައިވާ ނިންމުން މިއަހަރު ތަންފީޒުކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވެފައިވަނީ މިއަހަރުގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކިޑްނީ ފެއިލް ވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއްފަރުވާއަކީ ޑަޔަލިސިސްގެ ޚިދުމަތްކަމަށްވާއިރު، މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ނިޔަލަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ އެހެން ޤައުމުތަކޭ ވެސް އެއްފަދައިން ރާއްޖޭގައިވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ، މި ބައްޔާއިމެދު ސަމާލުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.