ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ލިބުނު އާމްދަނީ އަކީ އަންދާޒާކުރެވުނު 1.7 ބިލިއަން ރުފިޔާއަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަލަށް ކުލި ދައްކަން ފެށި ފަރާތްތަކާއި، ގިނަ ރިސޯޓްތަކުން ޝެޑިއުލާއި އެއްގޮތަށް ކުލި ދެއްކުން ހިމެނެއެވެ.
ރިސޯޓް ކުލީގެ ގޮތުގައި އެންމެ ގިނަ އާމްދަނީ ލިބުނު އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅު (542.45 މިލިއަން ރުފިޔާ)، ރ. އަތޮޅު (260.47 މިލިއަން ރުފިޔާ) އަދި ބ. އަތޮޅު (201.01 މިލިއަން ރުފިޔާ) ހިމެނެއެވެ.
މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އަކީ މީރާއަށް 2024 ވަނަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ދާއިރާއެވެ.