މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން ބުނީ ހައްޖުގެ އަޅުކަމުން އެނބުރި އައުމަށް ފަހު، ބައްޔެއްގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެ ނަމަ އަދި ސިއްހީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިތަކަށް ދިއުމަށް އެދޭ ކަމަށެވެ.
ފުލޫ ކްލިނިކަށް ދާ ހުރިހާ މީހުން ވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. އަދި ކިއުބީން ފްލޫ ކްލިނިކުގެ ނަމްބަރެއް ނެގުމަށް ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުގައި ހުޅުވާފައިވާ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށް ގެންދާނެއެވެ. އެ ކްލިނިކުގެ ހިދުމަތް ދެނީ އެ ހޮސްޕިޓަލުގެ ބަލި މީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި ކްލިނިކުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށް ލިބޭނެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މިއަދު ވަނީ އަނބުރާ އަންނަ ފަށާފައެވެ.