ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއެކު މާސްޓަރ ޕްލޭނެއް އެކުލަވާލަނީ

އައިޝަތު ރުވާ ރިފްޢަތު | 9 ދުވަސް ކުރިން - 9 ޖޫން 2025 04:28
ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް
ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް
ޚުލާސާ

ސަރުކާރުގެ އަމާޒަކީ މުޅި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުން ކަމަށާއި، މިކަން ތަންފީޒުކުރުމަށް "މޯލްޑިވްސް 2.0" އާ ގުޅޭ ޤާނޫނެއް ވެސް ފާސްކުރެވޭނެކަމަށް ވަޒީރު ވިދާޅުވި.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއެކު ދުރުރާސްތާ މާސްޓަރ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ނިއުސްއަށް ދެއްވި އިންޓަވިއު އެއްގައި ވަޒީރު ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ސިއްހީ ދާއިރާއަށް އިސްކަންދިނުމަކީ މުޅި ޤައުމަށާއި ޚާއްޞަކޮށް ސިއްހީ ދާއިރާއަށް ފައިދާވާނެ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިއްޖެނަމަ، ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ. ބަލިމީހުންގެ ސިއްހީ ރިކޯޑުތައް އެއްތަނަކުން ފެންނަން ހުރުމަކީ މުހިންމު ކަމެއް. މި ނިޒާމުގެ ސަބަބުން ޚަރަދު ކުޑަކުރެވި، ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެ," ވަޒީރު ވިދާޅުވިއެވެ.

މިހާރުވެސް ކުޑަކުދިންނަށް ދޭ ވެކްސިންގެ ރެކޯޑުތައް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މިއަހަރު އުފަންވި ކޮންމެ ކުއްޖެއްގެ ވެސް ވެކްސިން ރެކޯޑުތަކާއި ގްރޯތު މޮނިޓަރިންގ ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކަމަށާއި، މައިންބަފައިންނަށް މި ނިޒާމުގެ ތެރެއިން މުހިންމު މަޢުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މުޅި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުން ކަމަށާއި، މިކަން ތަންފީޒުކުރުމަށް "މޯލްޑިވްސް 2.0" އާ ގުޅޭ ޤާނޫނެއް ވެސް ފާސްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޤާނޫނުގެ ތެރެއިން ދައުލަތުގެ އެހެން ބާރުތައް ވެސް ޑިޖިޓަލައިޒް ކުރުމަށާއި ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް ބާރު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގައި ތަޢުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް އިސްކަންދެއްވާނެކަން ކުރިން ހާމަކުރައްވާފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތުން، ސިއްހީ ދާއިރާގެ ޑިޖިޓަލައިޒޭޝަން މާސްޓަރ ޕްލޭން އެކުލަވާލުމަކީ އެ މަސައްކަތުގެ މުހިންމު ބައެއްކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%