ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދަށް އައި ބޮޑު “ރޯގާހުމާއި” ލޮޅުންގަނޑުން ސަލާމަތްވެ، ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ވެސް މި ދަނީ އިތުރު ވަމުންނެވެ.
ވެލާނާ އިންޓަރނޭބަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުނިން ވަނީ 1.8 ބިލިއަން ރުފިޔާގެ ރެކޯޑު ސާފު ފައިދާއެއް ހޯދާފައިވެއެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެމްއޭސީއެލްއިން ޓެކްސްގެ ގޮތުގައި އެކަނި ވެސް ދައުލަތަށް 366 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ.
މިއީ ސަރުކާރުގެ އެންމެ ކުންފުންޏަކުން ދައުލަތަށް ލިބުނު ފާހަގަކޮށްލެވޭ ވަރުގެ ބޮޑު އާމްދަނީއެކެވެ.
އެއާޕޯޓުން ނަގާ ޓެކްސް އިތުރުކޮށްގެން ޤައުމަށް އާމްދަނީ ވެއްދޭ މިންވަރު އިތުރު ނުކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ މަޓާޓޯގެ ނައިބު ރައީސް އަދި ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާ ތަކަށް އެންމެ ގިނައިން ފަތުރުވެރިން ގެނެސްދޭ ރިސޯޓް ލައިފް ޓްރެވެލްގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ވިދާޅުވީ އެމްއޭސީއެލްއިން ޓެކްސް ބޮޑު ކުރުމުން ޢާމްދަނީ ބޮޑުތަނުން އިތުރު ކަމަށާއި، ނަމަވެސް އެއީ ހައްލެއް ނޫނެވެ. އޭގެ ބަދަލު ޓެކްސް ކުޑަކުރުމުން ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމުން ބޮޑުތަނުން މަގު ފަހިވާނެ ކަމަށާއި، ޓެކްސް ކުޑަކޮށްގެން ލިބޭ ފައިދާ މާބޮޑުވާނެ ކަމަށެވެ. އެއާއި އެކު ރާއްޖޭގެ އިޤްތިޞާދު މާ ރަނގަޅު ހިސާބެއްގައި ނުހުންނަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ދިވެހި ސަރުކާރުން ސީދާކޮށާއި ނުސީދާކޮށް ޓޫރިސްޓް އާމްދަނީ ލިބެމުންދާ ގެސްޓްހައުސްތަކަށް ސަމާލުކަންދޭންޖެހޭ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކެއްގެ ބަސް ސަރުކާރުން އަހަން ޖެހޭނެ ކަމަށް ޝާޒް ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެހެން ލެވެލްއަކަށް ގެންދެވެން އޮތީ ޓެކްސް ކުޑަކޮށްގެން ކަމަށް ވެސް ޝާޒް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ވިދާޅުވީ، "އެހެންނަމަވެސް" ބައެއް ޤައުމުތަކުން ފަތުރުވެރިން ގެނައުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. ސަބަބަކީ ފެންވަރުރަނގަޅު އަމިއްލަ އެއާލައިނެއް ނެތުމެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ބޯޑް އޮފް ޑިރެކްޓަރސް. (މަޓާޓޯގެ އެނުއަލް ޖެނެރަލް މީޓިންގެ ތެރެއިން).
“ހަގީގަތުގައި އެއާޕޯޓަކުން 1 ބިލިއަން ރުފިޔާގެ ފައިދާ އަށް ވުރެ މާރަނގަޅަށް ވެސް ލިބެން ޖެހޭނެ. އެ މަގު އެބައޮތް ފެންނަން. ތަކުލީފުތައް ނައްތާލަންވީ… ތަކުލީފޭ އަޅުގަނޑު މިދަންނަވަނީ ރަޝިޔާ ފަދަ ތަންތަނުން ފަތުރުވެރިން އުފުލައިދޭ ރާއްޖޭގެ ޤައުމީ އެއާލައިނެއް ނެތީމަ ވަރަށް ބޮޑު އެއްޗެއް ދައުލަތަށް ގެއްލިގެން އެބަދޭ. ރާއްޖެއަށް ފަތުރުވެރިން އަންނަން މި ޖެހެނީ ވަރަށް ބޮޑެތި އަދަދު ތަކެއް ހޭދަކޮށްފައޭ އިނގޭތޯ. އެއީ ތަކުލީފެއް. މިސާލަކަށް ރަޝިއާ އަށް ބެލި ނަމަވެސް 2،000 އާއި 3،000 ޑޮލަރު ޓިކެޓް ނަގައިގެން މި ގެންނަނީ... މި ފައިސާ މިއީ ރާއްޖެއަށް ވަންނަން ޖެހޭ އެއްޗެއް. އަޅުގަނޑު ޔަގީންކަން މި ދެނީ އެ މަނިކުފާނު (ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު)ން އެއާލައިނެއް ފައްޓަވައި ދެއްވާށޭ.. އަޅުގަނޑުމެން މިތިބީ އެއާލައިން ކުރިއަށް ގެންގޮސް ދޭން ތައްޔާރަށޭ، އެ ޔަގީންކަން ދެމޭ،" ރަޝިއާގައި އޮފީސް ހުޅުވައިގެން ވިޔަފާރިކުރައްވާ ޝާޒް ވަލީދު ވިދާޅުވި އެވެ.
ޝާޒް ވިދާޅުވީ ރާއްޖޭގައި ރަނގަޅު ފެންވަރުގެ ގައުމީ އެއާލައިނެއް ނެތުމުން (މޯލްޑިވިއަން ބަލިކަށިވުމުން) ރާއްޖެއަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ) ގެއްލިގެންދާ ކަމަށެވެ.
އެމްއޭސީއެލްގެ މިފަހަރުގެ ރަސްމީ އޯޑިޓް ރިޕޯޓުން ކަށަވަރުކޮށްދޭ ގޮތުގައި، އެމްއޭސީއެލް އަށް މުޅި ޖުމްލަ 2.68 ބިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރޭގައި އޭވިއޭޝަނާއި ގުޅުން ހުރި ކަންތަކުގެ އިތުރުން އެ ކުންފުނީގެ އެކި ވިޔަފާރި ހިމެނެއެވެ. އަދި އެ ކުންފުނީގެ ޖުމްލަ އެސެޓްތައް 24.96 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ޝާޒް ވިދާޅުވީ ވަރުގަދަ އަމިއްލަ އެއާލައިނަކާއެކު ދިވެހިރާއްޖެއަށް ޓޫރިޒަމުން ގެއްލިގެންދާ 23 ބިލިއަން ރުފިޔާ ހޯދޭނެއެވެ. އަދި އޭގެ އިތުރަށް ވެސް ހޯދޭނެއެވެ. ޓެކްސް އަށް ބަދަލު ގެނެސް ޢާމްދަނީ އިތުރުކުރެވޭނެއެވެ.
އެމްއޭސީއެލް:
މިފަހަރު ޓެކްސް ދެއްކުމުގެ ކުރިން ލިބުނު ފައިދާ: 1,447,911,000 ރުފިޔާ
މިފަހަރު އާމްދަނީ ޓެކްސްގެ ގޮތުގައި ދެއްކި: 366,450,000 ރުފިޔާ
މިފަހަރު ޓެކްސް ދެއްކުމަށްފަހު ލިބުނު ފައިދާ: 1,081,461,000 ރުފިޔާ
ކައިރި މާޒީ އިން ފެންނަން ހުރި ގޮތުގައި ރާއްޖޭގެ ރަށްތަކާއި ބިންތައް ރަހުނު ކޮށްގެން ބޮޑެތި ލޯނުތައް ނަގާފައިވާއިރު އެ ފައިސާތައް ދެއްކުމުގެ ބުރަ އޮތީ ކުރިޔަށެވެ. މާޗުމަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާގެ ލޯނު މިހާރު ވަނީ ދައްކާފައެވެ. މީގެތެރޭގައި 2022 ވަނަ އަހަރު ކާގިލް ފައިނޭންސުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމެނެއެވެ. ދެން އޮތީ 2026 ވަނަ އަހަރު ދައްކަން ޖެހޭ ބޮޑު ލޯނު ދެއްކުމެވެ. ނުދެއްކެންވީ ސަބަބެއް ނެތެވެ. މަގުތައް ފެންނާން އެބަ އޮތެވެ. ފައިސާ ވެއްދޭނެ ބައިވަރު ގޮތްތައް އެބަހުއްޓެވެ.