ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ޔޫއެފާ 2025 ގެ ޗެމްޕިއަންސް ލީގް ފައިނަލްގައި އިންޓަރ މިލާން އާ ދެކޮޅަށް ކުޅެ 5-0 އިން މޮޅުވެ، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފިއެވެ. މިއުނިކްގައި ކުޅުނު މި މެޗުގައި ޕީއެސްޖީ އިން ވަނީ ޗެމްޕިއަންސް ލީގް ފައިނަލެއްގައި އެންމެ ބޮޑު ތަފާތަކުން މޮޅުވި ޓީމުގެ ރެކޯޑު ހަދާފައެވެ.
މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާއަކީ 19 އަހަރުގެ ޑެޒިރޭ ޑޫއޭ އެވެ.
19 އަހަރުގެ ޑެޒިރޭ ޑޫއޭ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ފޮޓޯ” ޕީއެސްޖީ.
ޑޫއޭ ވަނީ 2 ލަނޑު ޖަހައި އަދި އެއް އެސިސްޓް ދީފައެވެ. އޭނާއަށް މެން އޮފް ދަ މެޗްގެ މަގާމު ލިބުނުއިރު، ޗެމްޕިއަންސް ލީގް ފައިނަލެއްގައި 3 ގޯލްގައި ބައިވެރިވި އެންމެ ޅަ ކުޅުންތެރިޔާގެ ގޮތުގައި ވެސް ރެކޯޑު ފޮތަށް ނަން އެރީއެވެ.
މި 5-0 ގެ ނަތީޖާއަކީ މީގެ ކުރިން 1994 ވަނަ އަހަރުގެ ފައިނަލްގައި އޭސީ މިލާން އިން ބާސެލޯނާ އާ ދެކޮޅަށް ހޯދި 4-0 ގެ ނަތީޖާ ފަހަނައަޅައި، ޗެމްޕިއަންސް ލީގް ޒަމާނުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗް ކަމުގައި ވެފައެވެ. ނަމަވެސް މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ފައިނަލަކީ 1960 ވަނަ އަހަރު ރިއަލް މެޑްރިޑް އިން އައިންޓްރަކްޓް ފްރޭންކްފަރޓް އާ ދެކޮޅަށް ކުޅެ 7-3 އިން މޮޅުވި މެޗެވެ.