އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޗެލްސީއާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ކުރީގެ މަޝްހޫރު ޑިފެންޑަރ ގެރީ ނެވިލްއަށް ދަނޑަށް ވަނުން މަނާކޮށްފިއެވެ.
ސްކައި ސްޕޯޓްސްގެ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ގެރީ ނެވިލް ބުނެފައިވަނީ އޭނާއަށް ދަނޑަށް ވަނުމަށް ބޭނުންވާ އެކްރެޑިޓޭޝަން ފާސް ނޮޓިންހަމް އިން ދީފައިނުވާކަމަށެވެ. މިކަމާއި ގުޅިގެން އޭނާ އަށް މާދަމާގެ މެޗުގެ ކަވަރޭޖުގައި ބައިވެރިނުވާނެ ކަމަށް ހާމަކޮށްފައިވެއެވެ.
މީޑިޔާ ރިޕޯޓުތަކުން ބުނާ ގޮތުގައި ނޮޓިންހަމް ފޮރެސްޓްއިން ގެރީ ނެވިލްއަށް އެކްރެޑިޓޭޝަން ފާސް ނުދިނުމަށް ނިންމާފައިވަނީ ނޮޓިންހަމްގެ ވެރިޔާ އެވަންޖެލޮސް މަރިނާކިސް ދަނޑަށް އަރާ ކޯޗާ ވާހަކަދެއްކި މައްސަލައިގައި ފާޑުކިޔާފައި ވާތީއެވެ.
ނަމަވެސް ނެވިލް ބުނެފައި ވަނީ ފާޑުކިޔަންޖެހޭ ވަގުތު ފާޑުކިޔާނެ ކަމަށާއި ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި އެ ކްލަބަށް ތައުރީފުކޮށް ހުޝާމަތުވެސް ކޮށްފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް އަތުވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މާދަމާގެ މެޗުން މޮޅުވެއްޖެނަމަ ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ނޮޓިންހަމް ފޮރެސްޓަށް އެބައޮތެވެ. ޕްރިމިއާ ލީގުން ބުނެފައިވަނީ މެޗުތަކުގެ އެކްރެޑިޓޭޝަނަކީ ކްލަ ކްލަބްތަކުގެ ކަމެއް ކަމަށްވާތީ މިކަމުގައި އެފަރާތަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.