ކްރިސްޓިއާނޯ ރޮނާލްޑޯގެ އިސް ދައުރާއެކު ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އިން އަލް ޚަލީޖް 2-0 އިން ބަލިކޮށްފިއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ޖޮން ޑުރާން އަށް ސަދިއޯ މާނޭ ދިން ކްރޮސްއަކުން ފުރަތަމަ ގޯލު ޖެހިއިރު، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ވައްދާލައިގެން ދެވަނަ ގޯލު ޖެހީ މިހާރު އުމުރުން 40 އަހަރުގައިވާ ރޮނާލްޑޯއެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ޖެހި 24 ވަނަ ލީގު ގޯލެވެ.
ކުރިން 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ އަތުން ގެއްލުނު ނަމަވެސް، އޭނާ އަށް މުޅި ޓީމާއި މެނޭޖްމެންޓާއި ސަޕޯޓަރުންގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތެވެ.
ރޭގެ މެޗުގައި ފުރަތަމަ ލިބުނު ޕެނަލްޓީ ރޮނާލްޑޯ އަތުން ގެއްލުމުން މާނޭއާއި ސައުދީ އަރަބިއްޔާގެ ވިންގާ އައިމަން ޔަހްޔާ ރޮނާލްޑޯއަށް ހިއްވަރު ދެނީ.
މި ނަތީޖާއާއެކު އަލް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގު 2 އަށް ކޮލިފައިވުމުގެ އުންމީދު މިވަނީ އިތުރުވެފައެވެ. މިހާރު 40 އަހަރުގެ އުމުރުގައިވެސް ރޮނާލްޑޯ ދަނީ ކެރިއަރުގެ 935 ވަނަ ގޯލު ޖަހައި، 1000 ގޯލުގެ ލަނޑުދަނޑިއާއި ކައިރިވަމުންނެވެ.