މެންޗެސްޓަރ ސިޓީގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާ، 10 އަހަރަށް ފަހު ރޭ ކްލަބާއި ވަކިވެއްޖެއެވެ.
ރޭ (20 މެއި 2025) ގައި އޭނާ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު އެންމެ ފަހު މެޗުގައި ގޯލެއް ޖަހަން ލިބުނު ރަނުގެ ފުރުސަތު ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ. އެހެންނަމަވެސް އެ މެޗުން އޭނާ ފޭބީ 3-1 ގެ މޮޅަކާއެކު 3 ޕޮއިންޓް ހޯދައި ސިޓީއަށް ލީގުގެ 3 ވަނަ މަޤާމު ވެސް ހޯދައިދީފައެވެ.
ޑިބްރޭނާ ފޮނުވައިލި ބޯޅަ ރޭ ގޯލުގެ ދަނޑިޔަށް އަމާޒު ވަނީ.
ޑިބްރޭނާ ކުޅުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭނާ ވަނީ 421 މެޗު ކުޅެ 108 ގޯލު ޖަހައި 177 އެސިސްޓް ދީފައެވެ. އަދި މީގެ އިތުރުން ބޮޑު 19 މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. މީގެ ތެރޭގައި 6 ޕްރިމިއަރ ލީގް ޓައިޓަލާއި 2023 ގެ ޗެމްޕިއަންސް ލީގް ހިމެނެއެވެ.
ރޭ އޮތް ވަދާޢީ ޙަފްލާގައި ސަރޖިއޯ އަގުއެރޯ އާއި ވިންސެންޓް ކޮމްޕަނީ ފަދަ ސިޓީގެ ލެޖެންޑުންގެ މެސެޖުތައް ހިމެނޭ ވީޑިއޯއެއް ދައްކާފައިވެއެވެ.
ޑިބްރޭނާ ވަކިވާތީވެ ސިޓީގެ ކޯޗު ގާޑިއޯލާ ހިތާމަ ކުރަނީ.
މެންޗެސްޓަރ ސިޓީން ވަނީ ޑިބްރޭނާގެ ހަނދާނުގައި އޭނާގެ ސްޓެޗޫއެއް ބެހެއްޓުމަށް ނިންމާފައެވެ. އަދި ސިޓީ ފުޓްބޯޅަ އެކަޑަމީގެ ބަޔަކަށް "އޭނާގެ ނަމުގައި ނަންކިޔުމަށް ވެސް ވަނީ ނިންމާފައެވެ. އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ކަނޑައެޅިފައި ނުވިޔަސް، އެމެރިކާގެ މޭޖަރ ލީގް ސޮކަރގެ ޗިކާގޯ ފަޔަރ އިން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން ޔޫރަޕްގެ އަދި ސައުދީ އަރަބިއާގެ ކްލަބުތަކުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުންދެއެވެ.