އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ސީނިއަރ ޓީމުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މި ވަފުދު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ލިވަޕޫލްގެ "ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ހައިސިއްޔަތުން ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ގުޅިގެން ފަށާފައިވާތީ، އެ ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އެމްއެމްޕީއާރުސީން މިއަދު ހާމަކުރި ގޮތުގައި، މި ވަފުދުގައި އިސްކޮށް ހިމެނެނީ ލިވަޕޫލްގެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓަރ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވެލޮޕްމަންޓް އެލެކްސް ފްރޭޒާއެވެ. މި ވަފުދުގެ ދަތުރަކީ "ވިޒިޓް މޯލްޑިވްސް" ގެ ސްޓްރެޓިޖިކް ޕާޓްނާޝިޕް ތަރައްގީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި އެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމެވެ. މި ޕާޓްނަރޝިޕްގެ މުއްދަތަކީ ތިން އަހަރާއި ހަ މަހެވެ.
އެމްއެމްޕީއާރުސީން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ އޮގަސްޓު މަހު ފެށޭ އާ ސީޒަނާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ލިވަޕޫލްގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓާއި ބައިނަލްއަޤްވާމީ މުހިންމު ކެމްޕެއިނެއް އަންނަ މަހު ފެށުމަށް ވަނީ ނިންމާފައެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ލިވަޕޫލްގެ ބޮޑު ފޭންބޭސްއެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނު އަދި މެދުއިރުމަތީގެ އަގުބޮޑު މާކެޓުތަކަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން އުންމީދު ކުރެއެވެ.