ބާސެލޯނާއިން 28 ވަނަ ފަހަރަށް ސްޕެނިޝް ލަ ލީގާ އުފުލާލައިފިއެވެ. އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވެ، ބާކީ ދެ މެޗް އޮއްވައި ލީގު ކަށަވަރުކުރި ބާސާއިން މިއަހަރު ވަނީ ސްޕެނިޝް ލީގު ކަޕާއި ސްޕެނިޝް ސުޕަރ ކަޕްވެސް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައި ބާސާގެ ޒުވާން ވިންގަރު ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމަކުން 53 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ. އޭގެ ފަހުން އެސްޕަނިޔޯލްގެ ކުޅުންތެރިއެއް ރަތް ކާޑު ދެއްކުމާއެކު، ބާސާއަށް މެޗުގެ ބާރު ލިބުނެވެ. މެޗުގެ އިތުރު ވަގުތުގައި ފާމިން ލޮޕޭޒް ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ބާސާއިން 85 ޕޮއިންޓް ހޯދައި، ދެވަނައިގައިވާ ރެއާލް މެޑްރިޑަށްވުރެ 7 ޕޮއިންޓް ކުރިއަރައި، ޖަރުމަނު ކޯޗު ހެންސީ ފްލިކްގެ ފުރަތަމަ ސީޒަންގައި ބާސާއިން މިވަނީ ޑޮމެސްޓިކް ތިންތަށި ކާމިޔާބުކޮށް، އާ ރެކޯޑެއް ޤާއިމުކޮށްފައެވެ.