ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ގެޓާފޭގެ މައްޗަށް 2-0 އިން ކުރިހޯދައި، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އެސްޓާޑިއޯ ކޮލީޒިއަމްގައި ކުޅުނު މި މެޗަށް ނުކުތްއިރު، ގެޓާފޭ އޮތީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، ވަރުގަދަ ފޯމެއްގައެވެ.
މެޗުގެ ކުރީކޮޅު ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. ބާސާއިން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ގެޓާފޭގެ ފިޒިކަލް ކުޅުމުގެ ސަބަބުން ބާސާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވަކިން ހާއްސަކޮށް ގެޓާފޭގެ މައުރޯ އަރަމްބާރީއަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް ގެޓާފޭގެ ރޫނީ ބާޑްޖީ ފޮނުވާލި ވަރުގަދަ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ގެޓާފޭއަށް ލިބުނު "ޓޫ-އޮން-ވަން" ފުރުސަތެއްގައި ދަވިންޗީއަށް ރަނގަޅަށް ބޯޅަ ހުރަސްކޮށްދެވޭ ގޮތެއް ނުވިއެވެ. ބާސެލޯނާއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު ފާމިން ލޮޕޭޒްއެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭގައި ގެޓާފޭއިން ކުޅުން ވަރުގަދަކޮށް ބާސާގެ ކުޅުންތެރިންނަށް ބާރުބޮޑުކުރިއެވެ. ބާސާގެ ޑެނީ އޮލްމޯ އާއި ޖޫލްސް ކޫންޑޭއަށް ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، މެޗުގެ ފަހުކޮޅު ގެޓާފޭގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ކުރިއަށް އަރާ ތިއްބާ ލިބުނު ފުރުސަތެއްގައި ބާސާގެ ދެވަނަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.
މި މޮޅާއެކު، ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. ކުރިއަށް އޮތް ދެ މެޗުގައި އޮސަސޫނާ އާއި ރެއާލް މެޑްރިޑް އަތުން މޮޅުވެގެން ބާސާއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ. މި ނަތީޖާއާއެކު ގެޓާފޭއަށް ވަނީ ޔޫރަޕުގެ މުބާރާތްތަކުން ޖާގަ ހޯދުމަށް ކުރާ މަސައްކަތުގައި ހުރަސްތަކެއް ކުރިމަތިވެފައެވެ.










