ގދ. ކާޑެއްދޫ އެއަރޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ފޮޓޯތަކެއް އާންމުވެއްޖެއެވެ.
މި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ އެ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ފޮޓޯ ޙިއްސާކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުނެފައި ވަނީ ކާޑެއްދޫގެ ވަރަށް ގިނަ ތަންތަނުގައި ހުވަނި އަޅާފައިވާ ކަމަށާއި ކުޑަކުދިންގެ ޕާކުގައިވެސް ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެތަން އޮތީ އާންމުންނަށް ވަދެ ބޭނުންކުރެވޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ފަސިންޖަރުން އުޅޭ ސަރަޙައްދާއި ކެންޓީނު ސަރަޙައްދުގައި ހުވަނި ވަރަށް ގިނަވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކާޑެއްދޫގައި ހުވަނި އަޅާފައިވާ ފޮޓޯތައް ޙިއްސާކޮށް އޭނާ ވަނީ ސިއްޙީ ވުޒާރާއާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެ އެއަރޕޯޓު ހިންގާ ވިލާ ކުންފުނިވެސް ޓެގުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.






