ބައެއް ފަރާތްތަކަށް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭގޮތަށް އިސްލާހެއް

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 14 މޭ 2025 10:59
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި ފުލައިޓްތަކެއް ޕާކުކޮށްފައި / ފޮޓޯ: ޚުލާޞާ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި ފުލައިޓްތަކެއް ޕާކުކޮށްފައި / ފޮޓޯ: ޚުލާޞާ
ޚުލާސާ

މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރާ ތަނެއްގައި މީހެއްގެ މަސްލަހަތެއް ވާނަމަ، އެ މީހަކަށް ސިވިލްއޭވިއޭޝަމްގެ ބޯޑުމެމްބަރަކަށް ނުވެވޭނެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް މުހިންމު އިސްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާޙުގެ ދަށުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރާ ތަނެއްގައި މީހެއްގެ މަސްލަހަތެއް ނުވަތަ ހިއްސާއެއްވާނަމަ، އެ މީހަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭނެއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލެވެ. މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ވާގޮތުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި 5 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮތްނަމަ އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވެއެވެ. ނަމަވެސް، އައު އިސްލާޙުގައިވާ ގޮތުން އެފަދަ ތަނެއްގައި އެއްވެސް މިންވަރެއްގެ މަސްލަހަތެއް ނުވަތަ ހިއްސާއެއް އޮތްނަމަވެސް ބޯޑު މެންބަރަކަށް ނުވެވޭނެއެވެ.

މީގެއިތުރުން، މި އިސްލާޙުގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކަށައެޅުމަކީ ވަޒީރުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާތައް އުނިކޮށްފައިވެއެވެ. އަދި އަވަސް މައްސަލަތައް ނިންމުމަށް ބޯޑުގެ ޖަލްސާ ބޭއްވުމުގެ މުއްދަތު 5 ދުވަހުން 3 ދުވަހަށް ކުރުކޮށްފައިވެއެވެ.

މި ބިލު ފާސްވެ، ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން މި އިސްލާޙަށް ޢަމަލުކުރަން ފެށޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%