އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 13.5 ބިލިއަން ރުފިޔާ ލިބިއްޖެ

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 8 މޭ 2025 11:25
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި އާމްދަނީ އާއި ހިލޭ އެހީގެ 34.0 ޕަސެންޓް މިހާރު ވަނީ ލިބިފައި.

މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 13.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި, މި މަހުގެ އެކެއްގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓްގައިވާ ގޮތުގައި މި އަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 12.0 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފުތާ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ހަރަދުގެ ތެރެއިން، މި މަހުގެ އެކެއްގެ ނިޔަލަށް ހިނގާފައި ވަނީ 24.3 ޕަސެންޓެވެ.

ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް މި އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާ އެކު، ދައުލަތުގެ ޖުމްލަ ޚަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 ޕަސެންޓް ދަށްވެފަ އެވެ.

މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 34 ޕަސެންޓް, މި މަހުގެ އެކެއްގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%