24 އަހަރު ވަންދެން ޢަމަލުކުރަމުން އައި މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމް ވިދާޅުވީ، މި އިސްލާހުތަކުގެ މައިގަނޑު މަޤްސަދަކީ ވައިގެ ބަނދަރުތައް ތަރައްޤީކުރުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލުމެވެ.
"ކޮންމެ ވައިގެ ބަނދަރެއްގައިވެސް ކަނޑައެޅިފައިވާ ވަކި މާސްޓަރޕްލޭނެއް އޮންނަންޖެހޭނެ. މި މާސްޓަރޕްލޭނަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލެވޭ، އަދި ކޮންމެ 5 އަހަރަކުން މުރާޖަޢާކުރެވޭ ޕްލޭނެއް," ޝަޒީމް ވިދާޅުވިއެވެ.
މި ބިލުގެ ދަށުން "އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް" އުފެއްދުމަށްވެސް ހުށަހަޅާފައިވާ ކަމަށް ޝަޒީމް ވިދާޅުވިއެވެ. މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ވައިގެ ބަނދަރުތަކުގެ މާސްޓަރޕްލޭން އެކުލަވާލުމެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އައު އިދާރާއެއް އުފެއްދުން ވެސް ހިމެނެއެވެ.
"މޯލްޑިވްސް އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން އެޖެންސީ" ގެ ނަމުގައި އުފެއްދޭ މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމެވެ.
"މި އިދާރާއިން ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ގުޅޭ މުހިންމު ދިރާސާތައް ކުރުމާއި، ސަލާމަތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ލަފާ ދިނުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭ," ޝަޒީމް ވިދާޅުވިއެވެ.
މި އިދާރާ އުފެއްދުމުގެ މަޤްސަދަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަކަށް ގެނައުން ކަމަށް ވެސް ޕީއެންސީ މެންބަރު ވިދާޅުވިއެވެ.
މި ބިލު ފާސްވެ، ތަސްދީޤުކޮށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް"ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންޖެހޭނެއެވެ. މި ކައުންސިލް އެކުލަވާލާނީ އެއިރެއްގައި ހުންނަވާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރެވެ. ވައިގެ ބަނދަރުތަކުގެ މާސްޓަރޕްލޭން އެކުލަވާލަނީ މި ކައުންސިލުންނެވެ.