ރަތްމަންދޫ އާއި އިތުރު ރަށްރަށުން މީހުން ބަދަލުކުރަނީ

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 5 މޭ 2025 18:01
ރަތްމަންދޫ ކައުންސިލާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރެއްވުން: އެރަށު ރައްޔިތުންގެ އެދުމުގެ މަތީން މިހާރު ވަނީ އެހެން ރަށަކަށް އެމީހުން ބަދަލުކުރަން ނިންމާފަ.
ރަތްމަންދޫ ކައުންސިލާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރެއްވުން: އެރަށު ރައްޔިތުންގެ އެދުމުގެ މަތީން މިހާރު ވަނީ އެހެން ރަށަކަށް އެމީހުން ބަދަލުކުރަން ނިންމާފަ.
ޚުލާސާ

ރަތްމަންދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އާބާދީ ބޮޑު އެހެން ރަށަކަށް ހިޖުރަކުރުމަށް. ހިރިމަރަދޫއާއި

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މ. ރަތްމަންދޫ އާއި ހދ. ހިރިމަރަދޫ އަދި ވ. ރަކީދޫ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރމަށް ސަރުކާރުން މަޝްވަރާކުރާ ކަމަށައި އޭގެތެރެއިން މިވަގުތު ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމަވާފައެވެ. މިކަން ރައީސް ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރަތްމަންދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އާބާދީ ބޮޑު އެހެން ރަށަކަށް ހިޖުރަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން އެ ރަށުގެ ރައްޔިތުން ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރަތްމަންދޫގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 239 މީހުންނެވެ. އެރަށު ސްކޫލްގައި ކިޔަވަނީ އެންމެ ހަތަރު ކުދިންނެވެ. މި ހަތަރު ކުދިންނަށް ވެސް އެކަށޭނަ ތައުލީމު ދެވޭނެ ފެންވަރެއް އެ ސްކޫލްގައި ނެތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެ ރަށުގެ ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ލިބޭކަށް ނެތް ކަމަށާއި، ރައްޔިތުން ތަރައްގީވެފައިވާ އެހެން ރަށަކަށް ބަދަލުވުމަކީ ހުރިހާގޮތަކުން ވެސް އެ ރަށު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހދ. ހިރިމަރަދޫގެ މެޖޯރިޓީ ރައްޔިތުން އެދުނުގޮތަށް އެރަށު ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ވ. ރަކީދޫ ރައްޔިތުން ވެސް އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ތަފްސީލީ ކަރުދާހެއް ލޯކަލް ގަވަރމަންޓް މިނިސްޓްރީން ތައްޔާރުކުރަމުންދާ ކަމަށާއި، އެ ކަރުދާސް ނިމުމުން ކެބިނެޓަށް ހުށަހަޅައި މަޝްވަރާކޮށް އަމަލުކުރާނެ ގޮތްތަކެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް މީހުން އެހެން ރަށްތަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މި ސިޔާސަތުގެ ދަށުން ބަދަލުވާ ރަށުގައި ތިން ކޮޓަރީގެ ގެއެއް ސަރުކާރުން އިމާރާތްކޮށްދޭ ކަމަށާއި، ބަދަލުގެ ގޮތުގައި ކޮންމެ ގެއަކަށް ފައިސާ ވެސް ދޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހދ. ހަނިމާދު، ހދ. ނޮޅިވަރަންފަރު އަދި ށ. ފުނަދޫ އަކީ އެއްފަސްކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ރަށްރަށް ކަމަށާއި، އެކަމުގެ ސަބަބުން އެ ރަށްތަކަށް ތަރައްގީގެގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެއްފަސްކުރުމުގެ ސިޔާސަތަކީ ކުދި އާބާދީތައް އެއްކޮށް، ވަސީލަތްތައް އެއްތަނަކަށް ޖަމާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އަމާޒުކޮށްގެން ހިންގޭ ސިޔާސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފަދަ އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ރައްޔިތުންގެ ރުހުމާއި ބައިވެރިވުން ވަރަށް މުހިންމު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން، ރަތްމަންދޫ ފަދަ ރަށްރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތު އެދޭގޮތަށް މި ނިންމުން ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%