އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުޑަކުދިންގެ އައިސީޔޫގައި ފެތުރުނު ނުރައްކާތެރި ބެކްޓީރިއާ މިހާރު ކޮންޓްރޯލް ވެއްޖެ ކަމަށާއި، އެހެންނަމަވެސް، އެ ބެކްޓީރިއާގެ ސަބަބުން ހާލު ދެރަވެފައިވާ ބައެއް ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެންއައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ކުއްޖެއްގެ ގައިން މާރިޗު 27 ގައި ނެގި ސާމްޕަލްއަކުން މަލްޓި-ޑްރަގް ރެޒިސްޓަންޓް "ބާކޯލްޑޭރިއާ ސްޕޭޝިއާ" ފެނުނު ކަމަށެވެ. އޭގެފަހުން ނެގުނު އިތުރު ސާމްޕަލްތަކުން އެންއައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި އިތުރު ހަތަރު ކުއްޖެއްގެ ގައިންވެސް މި އިންފެކްޝަން ފެނިފައިވެއެވެ.
މި ކުދިންނަށް އެންޓިބަޔޮޓިކް ފަރުވާ ދެމުންދާ ކަމަށާއި، އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އިންފެކްޝަން ފެތުރުން ހުއްޓުވުމަށްޓަކައި އެ ކުދިން އައިސޮލޭޓްކޮށް، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ ސަބަބުން އިންފެކްޝަން ފެތުރުން ހުއްޓިފައިވާ ކަމަށާއި، އޭޕްރީލް 15 ގެ ފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
މި ބެކްޓީރިއާ ފެނުނު ފަހުން 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދީފައިވާއިރު، މިހާރު 10 ކުދިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި މި ބެކްޓީރިއާ ޖެހިފައިވާ ފަސް ކުދިން ހިމެނޭ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވެއެވެ.