އޭޝިއަން ޗެމްޕިއަންސް ލީގު އިލީޓްގައި ސައުދީ ކްލަބްތަކުގެ ވާދަވެރިކަން އިންތިހާއަށް އިތުރުވެއްޖެއެވެ. ސެމީފައިނަލްގައި ކުޅެން ތިބި ޓީމުތަކަށް ބަލާއިރު ޖަޕާން ފިޔަވައި ދެން އޮތް ތިން ޓީމަކީ ވެސް ސައުދީ ކްލަބްތަކެވެ.
ކުއާޓަރ ފައިނަލްގައި އަލް-ހިލާލް، އަލް-އަހްލީ އަދި އަލް-ނަސްރު ވަނީ ޖުމްލަ 14-1 ގެ ސްކޯއަކުން އެހެން ޓީމުތައް ބަލިކޮށްފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ، ސަދިއޯ މާނޭ އަދި 80 މިލިއަން ޑޮލަރަށް ގެނައި ޖޮން ޑުރާން ހިމެނޭ އަލް-ނަސްރުން ޔޮކޮހާމާ އެފް މެރިނޯސް ބަލިކުރީ 4-1 ލަނޑުންނެވެ. އަލް-ހިލާލުން ދެކުނު ކޮރެއާގެ ގްވަންޖޫ އެފްސީ ބަލިކުރީ 7-0 އިންނެވެ. އަލް އަހްލީ ވަމީ 3-0 އިން ތައިލެންޑްގެ ބުރިރާމް ޔުނައިޓެޑް ބަލިކޮށްފައެވެ.
މާދަމާ އަލް-ހިލާލާއި އަލް-އަހްލީ ބައްދަލުކުރާއިރު، ބުދަ ދުވަހު ރޮނާލްޑޯގެ އަލް-ނަސްރު، ޖަޕާނުގެ ކަވަސާކާކީ ފްރޮންޓާލެއާ ބައްދަލުކުރާނެއެވެ. 2023 ގައި 1 ބިލިއަން ޑޮލަރު ހޭދަކޮށްގެން ގެނައި ތަރިންގެ ސަބަބުން ސައުދީ ކްލަބްތަކުގެ ފެންވަރު "ޕްރިމިއަރ ލީގު" އާ އެއްވަރަށް މަތިވެފައިވާ ކަމަށް ޔޮކޮހާމާގެ ކޯޗު ޕެޓްރިކް ކިސްނޯބޯ ބުނެފައިވެއެވެ.
މެއި 3 ގައި ބޭއްވޭ ފައިނަލްގައި ސައުދީ ކްލަބެއް ކުޅުމަކީ ޔަގީން ކަމެކެވެ. މިއީ އޭޝިއާގެ ފުޓްބޯޅައިގައި އައު ދައުރެއްގެ ފެށުމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.