ހ. ފެންޓޯނިއާގޭ ނުވަވަނަ ފަމްގިފިލާއިން ވެއްޓި، ބޮޑެތި އަނިޔާތަކާއެކު ފަރުވާ ދެމުންދާ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ.
ޔުމްނުގެ އާއިލާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދީފައިވެއެވެ. އެގޮތުން އެންސްޕާގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އިސްނެގުމުގެ މަތިން، ޔުމްނު މެލޭޝިއާއަށް ގެންދިއުމަށްޓަކައި ޚާއްޞަ ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށާއި، އާއިލާއިން ބުނާ ގޮތުގައި މާދަމާވެސް ފްލައިޓެއް ލިބިއްޖެނަމަ ޔުމްނު ފުރުމަކީ އެކަށީގެންވާ ކަމެކެވެ.
ސަރުކާރުގެ މި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އަދުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، ޔުމްނު އަށް ފަރުވާ ލިބި އަލުން އާންމު ހާލަތަށް ރުޖޫއުވުމަށް، ހިނގައިދިޔަ ހާދިސާގެ ހުރިހާ ކަމެއް އެނގިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، މިވަގުތު ފޯކަސް ހުރީ ހަމައެކަނި ޔުމްނުއަށް ފަރުވާ ހޯދުން ކަމަށާއި، ދަތި ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިވުމުގައި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާއި ބެހޭގޮތުން އެންސްޕާގެ ރަސްމީކޮށް އަދި ވަކި އެއްޗެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.