އިނގިރޭސީ ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ނިއުކާސަލް އަތުން ލަދުވެތި ގޮތަކަށް 1-4 ގެ ނަތީޖާއިން ބަލިވެ މި ސީޒަނުގައި ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ 14 ވަނައަށް ވެއްޓިއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން މި ފަހުގެ ތާރީހުގައި ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އެލެކްސް ފާރގަސަން އަށް ފަހު މިހާތަނަށް އެ ކުލަބުން ވަނީ ޖުމްލަ 9 ކޯޗުން ގެނެސްފައެވެ. 2022 ވަނަ އަހަރުގެ އެޕްރީލް މަހު އެޓީމާ ގުޅުނު އެރިކް ޓެން ހެގް ގެ އިރުޝާދު ދަށުން އެދެވޭ ކުޅުމެއް ކުލަބަށް ނުފެނުމުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ ތާވަލުގެ 14 ވަނައަށް ވެއްޓުނު މެޗަށް ފަހު އޭނާ ވަނީ ކޯޗު ކަމުން ވަކިކޮށްފައެވެ.
ޓެން ހޭގް ވަކިކުރުމަށް ފަހު އެ ކުލަބުގެ ކޯޗު ކަމާއި ދެން ހަވާލުވީ ސްޕޯޓިންގ ލިސްބަންގައި ކުރިން ހުރި ރުބެން އަމޮރިމް އެވެ. އޭނާ ހަވާލުވުމަށްފަހު ޔުނައިޓެޑްގެ ފަރާތުން ފެންނަމުން ދަނީ ވަކި މޮޅު ކުޅުމެކޭ ނުވަތަ ދަށް ކުޅުމެކޭ ވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ ތާވަލުގައި ޔުނައިޓެޑް އޮތް ހިސާބެވެ.
އާދިއްތަ ދުވަހުގެ ރޭ ނިއުކާސަލް އަތުން ބަލިވެ ކޯޗު އަމޮރިމްގެ މުސްތަޤުބަލާމެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފައެވެ. ސީޒަނުގައި ދެވަނަ ފަހަރަށް ތާވަލުގެ 14 ވަނައަށް ވެއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. ސަބަބަކީ މެންޗެސްޓަރ ޔުނައިޓެޑަކީ އިނގިރޭސީގެ އެންމެ ކާމިޔާބު ކުލަބަށް ވެފައި އެންމެ ސަޕޯޓަރުން ގިނަ ކުލަބަށް ވުމެވެ.
މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ތަށި އުފުލާލާނީ ލިވަރޕޫލްކަން މިހާރު ގާތްގަޑަކަށް ވަނީ ކަށަވަރުވެފައެވެ. މިއާއެކު ލީގުގެ ތަށީގައި އެ ކުލަބުން ޔުނައިޓެޑާ އަރާ ހަމަކުރާނެ އެވެ.
ސަޕޯޓަރުންގެ މެދުގައި މިހާރު އުފެދިފައިވާ ސުވާލަކީ މެންޗެސްޓަރ ޔުނައިޓެޑްގެ މައްސަލައަކީ ކޮބައިކަމެވެ. މައްސަލައަކީ ކޯޗު ކަމަށް މިހާރު ގިނަ ސަޕޯޓަރުން ޤަބޫލު ނުކުރެއެވެ. ސަބަބަކީ 2013 ވަނަ އަހަރަށް ފަހު މިހާރު ޖުމްލަ 9 ކޯޗުގެ އިރުޝާދު ދަށުން އެޓީމު ކުޅެފައިވާތީއެވެ. ކުރި އެރުމެއް ނުލިބުނެވެ. އެހެން ކަމުން މައްސަލައެއް ކަމަށް ސަޕޯޓަރުންގެ ފަރާތުން މިހާރު އެންމެ އަޑު ގަދަވެފައިވަނީ ޓީމުގެ މެނޭޖްމަންޓެވެ.