މިރޭ ބާއްވާ ޙާފިޡުން ދަސްވެނިވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ.

މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް މުޢިއްޒު ކަމަށް ވުޒާރާއިން ބުންޏެވެ.

މުޅިން އަލަށް ބާއްވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ.

މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.