ނަހަމަގޮތުހައި ނޫސްވެރިކަމުގެ ބޭނުންކޮށް މުޖުތަމަޢު ފަސާދަ ކުރުމަށް މަގުފަހިވާ ގޮތަށް ދޮގު ޚަބަރު ފަތުރާ ކަމަށް ރައްޔިތުން ތުހުމަތުކުރާ ރާއްޖެ ޓީވީއިން އޯޓިޒަމް އަދި ޑައުންސިންޑްރޯމްއާ ގުޅުވައި ފުރައްސާރަ ކުރުމަށްފަހު މާފަށް އެދި ބަޔާނެއް ނެރުމުން އެކަމާއި ރައްޔިތުން އިތުރަށް ރުޅިގަދަވެ ރާއްޖެ ޓީވީގެ ވެރިފަރާތަށާއި އެ ޗެނަލް ހިންގުމުގައި އިސްކޮށް އުޅޭ ފަރާތްތަކާއި ދިމާލަށް އެއްޗެހި ކިޔަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އަދި ޓީވީ ޕްރެޒެންޓަރު ރަމީޒު އާއި ތިން މީހުން ހުށަހެޅި ޕްރޮގުރާމުގައި އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ ގުޅުވައި ހަޖޫ ޖެހި މައްސަލާގައި އެ ޓީވީ ސްޓޭޝަނުން ބަޔާނެއ ނެރުނީ ރޭގެ ވަގުތެއްގައެވެ.
ރާއްޖެ ޓީވީގެ ބަޔާނާއި ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ގިނަ ބަޔަކު ބުނަނީ “ވާނުވާ ނޭނގޭ ކުޑަކުދިން ޓީވީ ޕްރޮގްރާމްތަކަށް އަރުވައިގެން” އުޅުމަކީ ގަސްދުގައި މުޖުތަމަޢު ފަސާދަ ކުރުމަށް އެ ޗެނަލުން ކުރާ މަސައްކަތް ކަމަށާއި އެ ޗެނަލާއި ދޭތެރޭ “ބެލެނެވެރި ފަރާތްތަކުން” ފިޔަވަޅު ނާޅަނީ ބިރުންނެވެ.
އިތުރު މީހަކު ބުނެފައި ވަނީ ރާއްޖެ ޓީވީން މާފަށް އެދި ނެރުނު ބަޔާނަކީ “ޖެނުއިން” ބަޔާނެެއް ނޫން ކަމަށެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި އެއްވެސް މީހަކު ސޮއިކޮށްފައި ނުވެއެވެ.
އެ ޗެނަލަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ކޮންޓެންޓުތައް ގެނެސްދީފައިވާ ޗެނަލެކެވެ. އަދި އެ ޗެނަލާއިމެދު ފިޔަވަޅު ވެސް އަޅާފައި ވެއެވެ.
ރާއްޖެ ޓީވީ އިން ގެނެސްދޭ ކޮންޓެންޓްތަކާއި ގުޅިވައިގެން އެ ޗެނަލްގެ އަޑު ކަނޑުވައިލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް މީގެ އަހަރުތަކެއް ކުރިން އެ ޗެނަލުން ބުނެފައި ވެއެވެ. އެއީ ރާއްޖެ ޓީވީގައި އޭރު ރޯކޮށްލުމާއި ގުޅިގެންނެވެ.
ޓީވީ ޗެނަލަކުން ގެނެސްދޭ ޚަބަރެއްގެ ސަބަބުން އެބަޔެއްގެ އަޑު ކަނޑުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާއީދުކުރައްވާ ކަމެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ނޫސްވެރިންނަކީ ތެދު ޚަބަރު ފަތުރައި މުޖުތަމަޢު އިޞްލާޙް ކުރުމަށްޓަކައި ސަރުކާރު ޒިންމާދާރުކަމާއެކު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާއ، އެމަނިކުފާނޭ ކިޔައިގެން ބަޔަކަށް ސާބިތުކޮށްދެވޭނެ ވައްކަމެއް، ކޮރަޕްޝަނެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނޭ ކިޔައިގެން ސިޔާސީ ބޭނުމަކަށްޓަކައި ކޮންމެ ދޮގެއް ހެދިޔަސް، ކިތަންމެ ބޮޑު ދޮގެއް ހެދިޔަސް އެއިން އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް ޖަލަށްލައި އަދަބު ދިނުމަކީ އެމަނިކުފާނުގެ އުޞޫލެއް ނޫނެވެ.
ރާއްޖެ ޓީވީން ރޭ ބަޔާން ނެރުނީ އެ ޗެނަލާއިމެދު ރައްޔިތުން ރުޅިގަދަވެ އެވާހަކަތައްް ދައްކަން ފެށުމުންނެވެ. ރާއްޖެ ޓީވީގެ ބަޔާނުގައި އެކަމާއިމެދު މަޢާފަށް އެދުނު ކަމުގައި ވިޔަސް، އެއީ ކުށެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ.
އެ ޗެނަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޓީވީ ސްޓޭޝަނުން ލައިވްކުރި ޝޯގައި ދެކެވުނު ވާހަކައިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ބެލެވޭ ގޮތުގައި ރާއްޖެ ޓީވީން މިގޮތަށް ބަޔާން ނެރުނީ “ހަޖޫޖެހި” މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ކުށްވެރިކޮށް މައްސަލަ ބަލާނެ ކަމަށް ބުނެ ބަޔާނެއް ނެރުމާއި. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމުންނެވެ.






