މިއަހަރުގެ ފިޠުރު އީދު ނަމާދު މާލެ ސަރަޙައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނީ، ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯޅަދަނޑު، ހުޅުމާލޭގެ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށެވެ.

މީގެ އިތުރުން، މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހުރި 23 މިސްކިތެއްގައިވެސް އީދު ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރުޤާން އަދި ހުޅުމާލޭގެ މިސްކިތްތައް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ވިއްސާރަވެގެން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާޢަތް ކެންސަލްވެއްޖެނަމަ، މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ.

މިއަހަރުގެ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު އީދު ދުވަހަކީ މި މަހުގެ 31 ވަނަ ދުވަހެވެ.