ހިދާޔަތުގެ މަގުގައި ސާބިތުކޮށް ހިތަށް ސާބިތުކަން ދެއްވާތޯ ތާއަބަދު ދުޢާ ކުރަންޖެހޭ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް މިފަދައިން ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭގައި ބޭއްވި މި ފޯރަމްގެ މައުޟޫއަކީ "އިސްލާމްދީން މަތީ ޘާބިތުވާށެވެ!" އެވެ. މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވުނު 3 ވަނަ ފޯރަމެވެ.
ޝައިޚް ސަމީރު ވިދާޅުވީ، "ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއް. އަހަރެމެންގެ ހިތް އިސްލާމް ދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުޢާ ކުރަންޖެހޭ." އަދި އިސްލާމްދީނާ މެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުޢާ ކުރަންވީ މި ނިޢުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
"ހިތަށް މި ނަން ދެވިފައި ވަނީ ވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއް ކަމަށް ވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި." ޝައިޚް ސަމީރު އިތުރަށް ވިދާޅުވިއެވެ.
އެގޮތުން، ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާ ކަމަށާއި، ހިތް ފަސާދަ ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަ ވެގެންދާ ކަމަށް ވެސް ޝައިޚް ސަމީރު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ކެތްތެރިކަމުގެ މަގަކީ ދީނުގައި ސާބިތުވެ ދެމިތިބެވޭނެ މަގުކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ޤުރުއާނުގައި ހުރި ރަސޫލު ބޭކަލުންގެ ވާހަކަތައް ކިޔާލުމުން އެބޭކަލުންނަށް ޤައުމުން ކުރިމަތިވި ކަންތައްތަކާއި އެބޭކަލުން އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބި ގޮތުން އެތަކެއް އިބްރަތްތަކެއް ލިބިގެންދާ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ރަމަޟާންމަހު މާލޭގައި ޖުމްލަ 8 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.








