މާލެ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ރޯދަމަހު ބަލިމީހުން ގާތަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 22:30 އަށް އިތުރުކުރެވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
މީގެ ކުރިން މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް އާންމުކޮށް ކަނޑައަޅާފައި އޮންނަނީ ހަވީރު 17:00 އަކުން ރޭގަނޑު 20:00 އަށެވެ. މި ބަދަލާއެކު، ޒިޔާރަތްކުރުމުގެ ވަގުތު ދެގަޑިއިރާއި ތިރީސް މިނެޓް މިވަނީ އިތުރުވެފައެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނެއެވެ.









