މި މަހުގެ 2 ވަނަ ދުވަހު ކުޅުނު ލިޔޯން އާއި ބްރެސްޓްގެ މެޗުގައި ލިޔޯންގެ ކޯޗު ޕައޮލޯ ފޮންސޭކާ އާއި ރެފްރީއާއި މެދު ހިނގި ހަމަނުޖެހުމާއި ގުޅިގެން 9 މަހަށް އޭނާ ސަސްޕެންޑް ކޮށްފިއެވެ.
ފްރެންޗް ފުޓްބޯލް ލީގުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، 52 އަހަރުގެ ފޮންސޭކާ އަށް ނޮވެމްބަރު 30 ގެ ނިޔަލަށް އެއްވެސް ރަސްމީ ސިފައެއްގައި ޓީމުގެ މެޗު އޮންނަ ދުވަހުގެ ކަންކަމުގައި ނުއުޅެވޭނެ ކަމަށެވެ.
ލިޔޯނުން ވަނީ މި ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ. އެ ކްލަބުން ބުނީ ފޮންސޭކާގެ އަމަލަށް އަދަބެއް ލިބެންޖެހޭ ކަމަށް ޤަބޫލުކުރާ ނަމަވެސް، 9 މަހުގެ ސަސްޕެންޝަނަކީ މާ ބޮޑު އަދަބެއް ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ލިޔޯނުން ބުނެފައިވެ އެވެ.
ފޮންސޭކާ އަކީ މި ސީޒަން ފެށުނުއިރު އިޓަލީގެ އޭސީ މިލާންގެ ކޯޗެވެ. އޭނާ ލިޔޯންގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ.