މުސާރަ ކުޑަކުރަން ނުފެންނަ ކަމަށް ލަފާ ދިނުމަށް ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ | 285 ދުވަސް ކުރިން - 18 ފެބްރުއަރީ 2025 13:44
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: މަޖިލީސް
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: މަޖިލީސް
ޚުލާސާ

މުސާރަތަކަށް ބަދަލު ގެނައުމުގެ ކުރިން ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހު އަލުން ހުށަހެޅުމަށް ލަފާދިނުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުސާރަތައް ކުޑަކުރުމުގެ ހުށަހެޅުންތަކަށް މިވަގުތު ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީން ނިންމި ގޮތް ހިއްސާކުރަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވީ "މަޖިލިސް މެންބަރުންނާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަޤާމުތަކުގެ މުސާރައިން 10% އުނިކުރަން މިވަގުތު ނުފެންނަ ކަމަށް ރައީސަށް ލަފާ ދިނުމަށް ނިންމީ." ކަމަށެވެ.

މީގެ އިތުރުން ކޮމިޓީން ނިންމާފައިވަނީ:

- މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތައް އެއްކޮށްލުމަށް ހުށަހެޅުން

- މުއައްސަސާތައް އެއްކޮށްލުމަށް ބޭނުންވާ ޤާނޫނީ ބަދަލުތައް އަވަސް ކުރުމަށް ލަފާދިނުން

- މުސާރަތަކަށް ބަދަލު ގެނައުމުގެ ކުރިން ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހު އަލުން ހުށަހެޅުމަށް ލަފާދިނުން

ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ، އެއް ގިންތިއެއްގެ މަޤާމުތަކާއި މުސާރަތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށާއި، ޤާނޫނަށް ބަދަލު ނުގެނެސް މުސާރަ އުނިކުރުމަކީ އިންސާފުވެރި އަދި އަދުލުވެރި ގޮތެއް ނޫން ކަމަށެވެ.

މި ނިންމުން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭ މުސާރަ އުނިކުރުމުގެ ހުށަހެޅުންތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކާއި، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10% އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 50% އަށް ކުޑަކުރުން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%